މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ދިމާވި ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މަޖިލިސް މެމްބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ބައެެއް މެމްބަރުންނަށް އަނިޔާ ވެއްޖެއެވެ.
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކުގައި މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފިއެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ރުހުން ނުދިނުމަށެވެ.
އެހެންނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އިހުތިޖާޖުތަކުގެ ސަބަބުން މަޖިލިސް ޖަލްސާވަނީ ކުރިޔަށް ނުގެންދެވިފައެވެ.
އޭގެ އިތުރުން އިދިކޮޅު ޕާޓީތަކުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު، މަޖިލިސް ދޮށަށް ވަނީ ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެއްވެ ސަރުކާރު ހިންގުމަށް ދަތި ނުކުރުމަށް ގޮވާލާ މުޒާހިރާވެސް ކޮށްފައެވެ.
މަޖިލިސްތެރޭ ހިނގަމުންދާ ހަމަނުޖެހުންތަކުގެ އެކި ވީޑިޔޯކްލިޕްތައް ސޯޝަލްމީޑިޔާގައި މިހާރު ދައުރުވަމުންދާއިރު އޭގެ ތެރެއިން ރުކުމާ ކުރައްވާފައިވާ އެކްސްޕޯސްޓް ގައި "ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޝަހީމް މަރާލުމަށްޓަކައި ވައިނޮޅިއަށް ކަކުލުންއަރާ ވައިނޮޅިކަށިގަނޑު މުގުރާލަންދިން ނުރައްކާތެރި ހަމަލާ ކުއްވެރިކުރަން،" މިހެން ވިދާޅުވެފައިވެއެވެ.
މަޖިލިސް ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކައި ގުޅިގެން މިއަދުގެ ޖަލްސާ އަދިވެސް ވަނީ ކުރިޔަށް ނުގެންދެވިފައެވެ. އަދި މިވަގުތުވެސް މަޖިލިސް ބޭރުގައި އަޑުއުފުލުމާއެކު ރައްޔިތުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. ތަރައްގީއަށް ހުރަސް ނޭޅުމަކަށާއި ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލައި އުފުލާއަޑުތައް ދަނީ ގަދަވަމުންނެވެ.