ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާކަމަށް ތުހުމަތުކޮށް، މަޖިލިސް ރައީސް އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައިފިއެވެ.

މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ. އަސްލަމްގެ އިތުބާރު ނެތްކަމުގެ މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ 23 މެންބަރުންގެ ސޮޔާއެކުއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށްބުނެ ހުށައެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޣަމުގެ ބޭނުންކޮށްގެން ނުވާނެކަމަށާއި، މުޅި ޣާއުމުގެ ލާބައާއި މަންފާއަށް ރިޔާއަތްކުރައްވަން ޖެހޭނެކަމަށެވެ.

ނަމަވެސް މަޖިލީހުގެ ރައީސް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.