އެމްޑީޕީ އަށް މަޖްލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރުހުން ނުދިނަސް އެމަނިކުފާނުގެ ޚިދުމަތަކަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވާ އިތުބާރަށާއި ދެއްވާ ޔަގީންކަމަށް ޝުކުރުދަންނަވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ ސޯޝަލްމީޑިޔާގައި ހިއްސާކުރައްވާފައިވާ ޕޯސްޓުތަކުގެ ތެރެއިން ޕޯސްޓެއްގައެެވެ.
އެޕޯސްޓުގައި ޑރ ޝަހީމް ވަނީ އެތައް އަހަރެއް ވަންދެން އެމަނިކުފާނުގެ އާއިލާއަށާއި އެމަނިކުފާނަށް އެމްޑީޕީން ކުރައްވާފައިވާ އުނދަގޫހާލަތްތައް ބަޔާންކޮށްދެއްވުމާއެކު އިސްލާމިކް މިނިސްޓަރީއަކީ އެމަނިކުފާނުގެ އެތައް އަހަރެއްގެ މަސަައްކަތް ފެންނަން އޮތް ތަނެއްކަން ހާމަކުރައްވާފައެވެެ.
"އެމްޑީޕީ އިން އެތަށް އަހަރުވަންދެން އަޅުގަނޑުގެ އަބުރު ކަތިލި. އަޅުގަނޑާއި ދަރީންނަށް ދުއްތުރާކުރި. 2018 ގައި އިންތިޚާބުގައި ޓެރަރިސްޓަކަށް ހެދި. އޯއައިސީގެ ވަޒީފާއަށް ހުރަސް އެޅި. އެ ހުރިހައި ކަމެއް ގިރާކޮށް ﷲ ގެ ރަހްމަތުން އިސްލާމީ އުންމަތުގެ ޚިދުމަތުގައި މިހިސާބަށް އައީ. މިއީ މި ވުޒާރާގެ ވަޒީރުކަން ކުރާ ތިން ވަަނަ ފަހަރު." ޑރ ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
"މި ވުޒާރާގެ ހިޔަލުގައި ފެންނަން ހުރި ކިތައްމެ ކަމެއްގައި އަޅުގަނޑުގެ ހިއްސާ އޮންނާނެ. އެމްޑީޕީ އަށް މަޖްލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރުހުން ނުދިނަސް އަޅުގަނޑުގެ ޚިދުމަތަކަށް ކުޑަވެސް ބަދަލެއް ނާންނާނެ.
އިންޝާ ﷲ އަބަދުވެސް ދިވެހި ޤައުމާއި ރައްޔިތުންނާއި އުންމަތަށްޓަމައި ގަދަވެ ސަލާމަތުން ހުރިހައި ދުވަހަކު އަމިއްލަ ހައިސިއްޔަތުން ވެސް ޚިދުމަތުގައި ދެމި ހުންނާނެ. ރައީސް ޑރ މުއިއްޒު އަޅުގަނޑާ ޙަވާލު ކުރެއްވި އަމާނާތް އިޚުލާޞްތެރިކަމާއެކު އަދާކުރަމުން މިއަންނަނީ ވަރުބަލިކަމެއްނެތި. ރައީސް އަބަދުވެސް އަޅުގަނޑަށް ދެއްވާ އެހީތެރިކަމާއި އިތުބާރަށް އަޅުގަނޑު ރައީސަށް ޝުކުރު ދަންނަވަން. އަޅުގަނޑު ވަޒީރުކަން ކުރަމުން ދަނީ ވަރަށް އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތަށް އިސްކަން ދީގެން. އަމިއްލަ ނަފްސަށް ވުރެ ބޮޑު އިސްކަމެއް ދީގެން ހުރިހައި ޕާޓީ އެއްގެ މެންބަރުންނަކީ އަޚުންނާއި އުޚުތުންކަމުގައި ދެކިގެން."
ޑރ ޝަހީމް ވަނީ އެމްޑީޕީން އެގޮތަށް ކަންކަން ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އެމަނިކުފާނުގެ ނާގާބިލުކަމުންތޯ ނޫނީ ދާއިމީޒާތީކަމެއްތޯވެސް ސުވާލު ކުރައްވާފައެވެ.
"އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ފަރާތްތަކުން އަޅުގަނޑަށް ނަފްރަތުކުރަނީ ނާޤާބިލުވެގެން ހެއްޔެވެ؟ ނުވަތަ މިއީ ދާއިމީ ޒާތީ ކަމެއް ހެއްޔެވެ؟ އެދެވޭ ސަބަބެއްނެތި އެމްޑީޕީ އިން ރާއްޖޭގެ އިސްލާމީ ކަންކަން ހިންގަން ހުރި އެންމެ އިސް ފަރާތް ދުއްވާލަން އުޅުމުގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބެއް ހެއްޔެވެ؟ ނުވަތަ ފޮރުވިފައިވާ ޙަޤީޤަތަކީ ކޮބައިތޯއެވެ؟"