ދައުލަތުގެ ތިން ބާރުގެ ވެރިން ވެކްސިން ޖެއްސެވުމުން ވެކްސިން އާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދުު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް ވެކްސިންް ދިވެހިން ޖަހަން ފެށުމަކީ، ކޮވިޑް 19 އިން ދިވެހިން ސަލާމަތް ކުރިމަށް ރައީސް ސޯލިހް ފެއްޓެވި މަސައްކަތައްް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ވެރިން ވެކްސިން ޕޮރޮގުރާމްގައި ބައިވެރިވުމުން ވެކްސިން އާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތްކަމަށެވެ.

މި ބޭފުޅުންގެ އިތުރުން ދައުލަތުގެ އިސް އެހެން ބައެއް ބޭފުޅުން ވެސް އަންނަނީ ކޮވިޑް ވެކްސިން ޖައްސަވަމުންނެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.