ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ ހޫނުވެ، މާރާމާރީ ހިންގާފައި ވަނިކޮށް، އިތުރު ޖަލްސާއެއް މިރޭ ފެށުމުން ވެސް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެއެވެ.

މަޖިލިހުގެ ތަޅުމުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވީ، މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ.

މިއަދު މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީ މެމްބަރުން ފުރަތަމަ ވެސް ވަނީ މަޖިލިހުގެ ކޮންޓްރޯލް ނަގައި މަޖިލިހުގެ ތަޅުމަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލައިފައެވެ. އެކަމަކު، ފަހުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންނަށް މަޖިލިހަށް ވަދެވޭ ގޮތްވިއެވެ.

އެއާއެކީ، އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި، މާރާމާރީ ހިންގިއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުންނާ ދޭތެރޭގައި ވަރަށް އަނިޔާވެރިކޮށް ކަންކަން ކުރައްވައިފައެވެ. އަދި މަޖިލިހުގެ މެމްބަރުން ވަނީ މިއަދަކީ މަޖިލިހުގެ ހަޔާތުގައި ވެސް އެންމެ އަނިޔާވެރި ދުވަހުގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އެގޮތަށް ސިފަ ކުރެއްވި މެމްބަރުންގެ ތެރޭގައި މަޖިލިހުގައި އެންމެ ދުވަސްވީ މެމްބަރުން ވެސް ހިމެނެއެވެ.

ކޮންމެ ޕާޓީއެއްގެ މެމްބަރުން ވެސް މަސައްކަތް ކުރެއްވީ، ރިޔާސަތުން އިންނަވާ މޭޒުކޮޅުގެ ކޮންޓްރޯލް ހޯދުމަށެވެ. އެހެންވެ، މަޖިލިހުގެ ތެރޭގައި ބޮޑު ހައިޖާނުގަނޑެއް އުފެދި، އެއް މެމްބަރަކު، އަނެއް މެމްބަރަކު ގައިގައި އަތްލާ ހިސާބަށް ދިޔައީއެވެ. މި ހަމަނުޖެހުންތަކުގައި އަނިޔާވެފައިވަނީ ވަރަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ދެ މެމްބަރުން ކަމުގައިވާ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުއްޝަހީމް އަބްދުލްހަކީމާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށެވެ. ޝަހީމަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލްގައި އަދިވެސް ދަނީ ފަރުވާދެމުންނެވެ.