ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތުތަކެއް ތައާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިފިއެވެ.

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތުތަކެއް ތައާރަފްކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށައަޅާފައިވަނީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ފަރާތުންނެވެ.

ކެބިނެޓުން ނިންމެވި ނިންމެވުންތައް ހިއްސާކުރައްވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް އަޅާނެ ބައެއް ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށެވެ.

އެގޮތުން ޔޫޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކޮށް އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ކުރުރާސްތާ އަދި މެދު ރާސްތާގެ ޕްލޭނެއް ޔޫޓިލިޓީ ކުންފުނިތަކާއި މަޝްވަރާކުރައްވައިގެން ތައްޔާރުކޮށް އެއަށް އަމަލީ ސިފަ ގެނައުމަށް މަޝްވަރާކުރެވުނުކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަން ކުރުމުގެ ކެޕޭސިޓީ އިތުރުކޮށް، މާލެ ވިޔަފާރި ބަނދަރުން މިހާރު ނަގަމުންދާ ފީތައް މުރާޖާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މި ސަރަހައްދުގެ އެހެން ޤައުމުތަކުގައި ގާއިމްކޮށްފައިވާ ބޭރުގެ ވިޔަފާރި ބަނދަރުތަކުން ނަގާ ފީއަށް ބެލުމަށްފަހު މާލެ ވިޔަފާރި ބަނދަރުން މިހާރު ނަގަމުންދާ ފީތައް އިތުރަށް މުރާޖާކުރުމަށްވެސް ނިންމަވާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.