ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 2.5 އިންސައްތައަށް ދަށްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލު ގެނެސްފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައިކަމަށެވެ.

ބީއެމްއެލްއިން ބުނީ މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސްތަކަށްވެސް އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ މި ރޭޓުތައްކަމަށެވެ. ރޭޓްތައް ދައްކުރުމުގެ އިތުރުން ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ %90 އާހަމަޔަށް ފައިނޭންސް ލިބޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

ފައިނޭންސިންގ ރޭޓަށް މި ގެނެވުނު ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިންގ ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު ކުޑަވާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް %2.5 ދަށްކުރެވިގެން ދިޔުމަކީ އެ ބޭންކަށް ލިބުނު އުފަލެއްކަމަށެވެ.

"ފައިނޭންސިންގ ރޭޓަށް މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިންގ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިގެންދިޔަ. އަދި މިއަދު މި ގެނެވުނު ބަދަލުގެ ސަބަބުން އިތުރު ދަރިވަރުންނަށް މިވަނީ ފުރުސަތު ފަހިވެގެން ގޮސްފައި." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރެވޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެންދާއިރު ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.