ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާކޮށް މަޖިލިސް ޖަލްސާއެއް އަނެއްކާވެސް މިއަދު ހެނދުނު 11:00 ގައި ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާކޮށް، ރޭ ބައްވަން އުޅުނު ޖަލްސާވެސް ކުރިޔަށް ނުގެންދެވިގެން ވަނީ ހުއްޓާލާފައެވެ. ރޭގެ އެ ޖަލްސާވެސް ފެށުމާއެކު ސަރުކާރަށް ތާއީދުކުރާ މެމްބަރުންވަނީ ދުންމާރިތައް ހިފައިގެން ރިޔާސަތުގައި އިންނެވި އަސްލަމްގެ ކަންފަތްދޮށުގައި އަޑުގަދަކުރަން ފަށާފައެވެ.

ރޭ މަޖިލިސް ޖަލްސާއެއް ބޭއްވުމަށް ނިންމިއިރު ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމަން އިއްޔެ ބާއްވަން މަސައްކަތް ކުރި މަޖިލީހުގެ ޖަލްސާ، މަޖިލިސް ހޫނުވެ ބޭއްވޭގޮތް ވެފައި ނުވަނިކޮށެވެ. މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ހިޔާލު ތަފާތުވުން އުފެދި މަޖިލިހުގައި މެމްބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ބައެެއް މެމްބަރުންނަށް ވަނީ އަނިޔާވެސް ވެފައެވެ.

އަދި ވެރިކަންކުރާ ކޯލިޝަނުންވަނީ 23 މެމްބަރުންގެ ސޮޔާއެކު މަޖިލިސް ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދާފައެވެ.

އިއްޔެގެ މަޖިލިހުގެ ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ.