ވަކި މާއްދާއެއްގެ ގޮތުގައި ''ގައުމިއްޔަތު''، ސްކޫލްތަކުގައި ކިޔަވައިދިނުން ތަޖުރިބާ ކުރުމަށް ފަށާ ޕައިލެޓް ޕްރޮޖެކްޓްގެ މަސައްކަތް މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް 11 ސްކޫލެއްގައި ފަށައިފިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދެން މި ފެށުނު 11 ސްކޫލުގައި، އެ މާއްދާ ކިޔަވައިދިނުމަށް މުދައްރިސުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ވަނީ ވަރަށް ފުރިހަމައަށް ކުރިއަށް ގެނދެވިފައެވެ.

އެގޮތުން އެ، 11 ސްކޫލުން ޕްރިންސިޕަލުންނާއި، ޓިޗަރުންނާއި އަދި ފޯކަލް ޕޮއިންޓުން ހިމަނައިގެން ގައުމިއްޔަތު މާއްދާގެ ތަޢާރަފާއި، މަންހަޖުގައި މާއްދާ އެކުލަވާލެވިފައިވާ ގޮތާއި އަދި ކިޔަވައިދޭނެ ގޮތުގެ މައުލޫމާތު ދެއްވާފައިވެއެވެ.

ކިޔަވައިދިނުން ތަޖުރިބާ ކުރުމަށް ފަށާ ޕައިލެޓް ޕްރޮޖެކްޓްގެ ޕްރޮގްރާމް ފުރަތަމަ ފަށާފައި މިވަނީ ރާއްޖޭގެ 11 ސްކޫލެއްގެ ގްރޭޑް 4ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

އެގޮތުން ގައުމިއްޔަތު މާއްދާ ކިޔަވައިދެން ފެށި ސްކޫލުތަކަކީ

  • ސަލާހުއްދީން ސްކޫލް – ހުޅުމާލެ
  • ކަލާފާނު ސްކޫލް – މާލެ
  • ތާޖުއްދީން ސްކޫލް – މާލެ
  • މުހިއްޔިއްދީން ސްކޫލް – ވިލިމާލެ
  • ބ.އަތޮޅު ތައުލީމީ މަރުކަޒު – ބ.އޭދަފުށި
  • ޅ.އަތޮޅު ތައުލީމީ މަރުކަޒު – ޅ.ހިންނަވަރު
  • ވ.އަތޮޅު ތައުލީމީ މަރުކަޒު – ވ.ފެލިދޫ
  • މަގޫދޫ ސްކޫލް – ފ.މަގޫދޫ
  • އަބޫބަކުރު ސްކޫލް – ގދ.ތިނަދޫ
  • ހިތަދޫ ސްކޫލް – ހިތަދޫ، އައްޑޫ ސިޓީ
  • މުހައްމަދު ޖަމާލުއްދީން ސްކޫލް – ފުވައްމުލައް ސިޓީ

އެ މިނިސްޓްރީން އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގެ 11 ސްކޫލެއްގައި މި މާއްދާކިޔަވައިދެން ފެށި ނަމަވެސް ސަރުކާރުގެ އަމާޒަކީ އަންނަ ދިރާސީ އަހަރުން ފެށިގެން ގައުމީ މަންހަޖުގެ ތެރެއިން މި މާއްދާ ކިޔަވައިދޭން ފެށުންކަމަށެވެ.

ގައުމިއްޔަތު ކިޔަވައިދެން ފަށާފައިވާއިރު ، ކިޔަވާ ދަރިވަރުންގެ ހިތުގައި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް މިސަރުކާރުގެ ފަރާތުން އަންނަނީ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.