މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން ފެށުމަށްފަހު، ބައެއް ވަޒީރުންނަށް ރުހުން ދީފިއެވެ.

އެންމެ ފުރަތަމަ ވޯޓަށް އަހާފައި ވަނީ ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނަށެވެ. ޣައްސާނަށް ރުހުން ދިނުމަށް 71 މެމްބަރުންގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ.

ދެވަނައަށް ވޯޓަށް އަހާފައި ވަނީ، ޓޫރިޒމް މިނިސްޓަރ މުސާ ޒަމީރަށެވެ. މޫސާ ޒަމީރަށް ރުހުންދޭން ފެންނަކަމަށް 70 މެމްބަރުން ވޯޓު ދީފައިވެއެވެ.

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމަށް ރުހުން ދިނުމަށް ފެންނަކަމަށް، ރައްޔިތުންގެ މަޖިލީހުގެ އަޤުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. ޝިޔާމަށް ރުހުންދޭން ފެންނަކަމަށް، 69 މެމްބަރުން ވޯޓުދެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދަށްވެސް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ. ސަޢީދަށް ރުހުންދޭން ފެންނަކަމަށް، 37 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވިއެވެ.

ހެލްތު މިނިސްޓަރ ޚަލީލަށް ރުހުން ދިނުމަށް ފެންނަކަމަށް 69 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޝަފީޢުއަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓުންނެވެ.

ހޯމް މިނިސްޓަރަ އަލީ އިޙްސާނަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ، 70 މެމްބަރުންގެ ވޯޓުންނެވެ.

ފިނޭންސް މިނިސްޓަރ ޝަފީޤަށް ރުހުން ދިނުމަށް، 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.