ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އައްޑޫސިޓީގައި ދެއްވަމުން ގެންދަވާ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެ ޔުނިވަރސިޓީން ރާއްވަވާފައިވާ ޕްލޭންތައް އައްޑޫސިޓީ ކައުންސިލާ މިއަދު ހިއްސާ ކުރައްވައިފިއެވެ.
އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ، ހިތަދޫ ކެމްޕަސް 2 ގައި ދެ ފަންގިފިލާގެ އިމާރާތެއް ޤާއިމުކުރުމާއި އެ އިމާރާތުގައި އެ ޔުނިވަރސިޓީގެ ބުކްޝޮޕެއް ޤާއިމުކުރުމާއި، އިމާރާތުގެ ބައިތައް އޮފީސް ހިންގުމަށާއި، ޢާންމުންނަށް ވިޔަފާރީގެ ބޭނުމަށް ދޫކުރުމަށް ޕްލޭނުގައި ހިމެނޭ ކަމުގައެވެ.
ކެމްޕަސް 2 ގެ އެކޮމޮޑޭޝަން އަޕްގްރޭޑް ކުރުމުގެ އިތުރުން، އެ ކެމްޕަހުގައި ފަތުރުވެރިކަމާ ގުޅޭ ކޯސްތައް މި އަހަރުގެ ދެވަނަ ޓާމުގައި ފެށުމަށް ރާވާފައިވާ ކަމުގައި އެމް.އެން.ޔޫގެ ފަރާތުން ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ދަނާލުގެ އާ ޢިމާރާތެއް ޤާއިމުކުރުން ވެސް ޕްލޭނުގައި ހިމެނެއެވެ. އަދި އެމްއެންޔޫ އިން އައްޑޫގައި މަލްޓިޕަރޕަސް ހޯލެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމް.އެން.ޔޫގެ ފަރާތުން ހާމަކުރެއްވި ގޮތުގައި އެ ޔުނިވަރސިޓިގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓްގެ ގޮތްޕެއް އައްޑޫގައި ގާއިމުކުރުމާއި، އެތަނުގައި ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ކްލައިމެޓް ޗޭންޖް އާ ގުޅޭ ކޯސްތައް ފެށުމަށް ރާވާފައިވެއެވެ. މި ފެބުރުވަރީ މަހުގެ މެދުތެރޭގައި މި މަސައްކަތް ފެށިގެންދާނެ ކަމުގައި އެ ޔުނިވަރސިޓީގެ ފަރާތުން ހާމަކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ޔުނިވަރސިޓީގެ ކައުންސިލްގެ 300 ވަނަ ބައްދަލުވުން އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމަވާފައިވާ ކަމުގައެވެ.
އެމްއެންޔޫއާއި ކައުންސިލާ ގުޅިގެން ހިތަދޫގައި ގާއިމުކޮށްފައިވާ ސިޓީ ބާޒާރުގައި މިހާރު ހުރި ފިހާރަތައް ބޮޑުކުރުމާއި، އިތުރު ފިހާރައާއި ކޮފީ ޝޮޕެއްގެ އިތުރުން ފާޚާނާ ބަރިއެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.