ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕު ބްރިޖު ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް އިތުރު 3 އަހަރަށް ހިލޭ ކޮށްދިނުމަށް ޗައިނާއިން ނިންމައިފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މި މައުލޫމާތު ހާމަކޮށްފައި ވަނީ، އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުއެވެ. އެމަނިކުފާނު ވިދާޅުވީ މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

2018 ވަނަ އަހަރު މި ބުރިޖުގެ މަސައްކަތް ނިންމާލުމަށް ފަހު ބުރިޖު ހުޅުވާލުމަށް ފަހު މިހާތަނަށް މެއިންޓެނެންސް މަސައްކަތް ކުރަމުން އަންނަނީ ޗައިނާއިންނެވެ. އޭރު ވެވުނު އެއްބަސް ވުމުގައި ޗައިނާއިން 2 އަހަރު ދުވަހަށް މި މަސައްކަތް ކޮށްދިނުމަށް އެއްބަސް ވެފައިވީކަމުގައި ވީނަމަވެސް މި އެއްބަސް ވުމުގެ މުއްދަތު އިތުރު ކުރަން މިހާރު ވަނީ ނިންމާފައިއެވެ.

އަދި ޗައިނާއިން ފުރަތަމަ ވެވުނު 2 އަހަރު ދުވަހުގެ ކޮންޓްރެކްޓު ހަމަވުމުން އެ މުއްދަތު އިތުރުކުރަން ހުށަހެޅިކަމުގައި ވީނަމަވެސް ނިމިދިޔަ ސަރުކާރުން އެކަމާމެދު ވަކި ގޮތެއް ނިންމާފައި ނުވާއިއިރު ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކޮށްފައި ނުވާކަން ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.