އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް އެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޭޔަރު ކަމުން އިސްތިއުފާ ދެއްވުމުގެ ސިޓީ މާދަމާ އޭނާ ކައުންސިލަށް ހުށަހަޅުއްވާނެއެވެ. ކުއްލި ގޮތަކަށް އޭނާ އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އެނގިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ޔަސްރިފަށް ގުޅުމުން އޭނާ ވިދާޅުވީ މޭޔަރު ކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު ކަމުގެ ޒިންމާއާ ޔަސްރިފް ޙަވާލުވެ ވަޑައިގެންނެވީ ދެހާސް ސަތާރަ ވަނަ އަހަރުއެވެ. އޭނާއަކީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސެލަރެވެ.