ދިވެހިރާއްޖޭގެ އިމާމުން 'ތާޒާ ކުރުމުގެ' ގައުމީ މަޝްރޫއު މާދަމާ އިފްތިތާހު ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ. މިމަޝްރޫއު އިފްތިތާހު ކޮށްދެއްވާނީ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫއަކީ ޒަމާނީ އިލްމީ މައްސަލަތަކަށް އަމާޒުކޮށް ހުރިހައި އިމާމުން ތަމްރީނު ކުރުމަށް ހިންގޭ ބޮޑު މަޝްރޫއެއް ކަމަށާއި މިއަހަރު ހުރިހާ އިމާމުން ތަމްރީނުކޮށް ނިންމާނެ ކަމަށެވެ.

މިނިސްޓަރ، ޝަހީމް ވިދާޅުވީ، އެއް އަހަރުގެ ތެރޭގައި 700 އިމާމުން ތާޒާކޮށް ނިންމޭނެ ކަމަށާއި އިމާމުންނަށް ސައުދީ އަރަބިއްޔާ، މިސްރު، މެލޭޝިއާ، ބްރޫނީ އަދި މޮރޮކޯއިން ވެސް ތަމްރީނު ޕްރޮގްރާމްގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަރޝިޕް ދެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަގާމާ ހަވާލުވި ފަހުން، ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ ފަށާފައެވެ. އެގޮތުން އިއްޔެ ވެސް މިނިސްޓްރީން ވަނީ މިނިސްޓްރީގެ މިއަހަރުގެ އެކްޝަން ޕްލޭން އިފްތިތާހު ކޮށްފައެވެ.