ޕެނަޑޯލްގެ ވަކި ވައްތަރެއްގެ ބޭސްގުޅަތަކެއްގެ ކޮލިޓީ އާއި ގުޅޭގޮތުން ތަހުލީލުތަކެއް ކުރަމުންދާތީ، އެ ބޭސް ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ފެންވަރު ބެލުމަށްޓަކައި ކުރި ދިރާސާއެއްގައި ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ, ބޭސް. ގުޅައިގެ ވަށައިގެން ބައެއް ތަންތަނުން ނެއްޓިފައިވާކަމަށެވެ.

އެގޮތުން މާކެޓުން ނަގާފައިވާ ސާމްޕަލްއެއްގެ ތެރެއިން، ސްރީލަންކާގައި އުފައްދާ ޕެނަޑޯލް (500 މިލިގްރާމް ޓެބްލެޓް) ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އަދި މިގޮތަށް ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ރައްކާތެރި ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުން ކަންތައް ނުކުރުމުން ކަމަށްވެސް އެ އޮތޯރިޓީ ބުނެއެވެ.

މީގެއިތުރުން އެ އޮތޯރިޓީން އަންގަންދެން, ފާމަސީތަކުންނާއި, އާއްމު ފިހާރަތަކުން މި ބޭސް ނުވިއްކަން އަންގާ ކަމަށާއި އަދި އެ އިދާރާއިން ކުރިޔަށް ގެންދާ ތަހްލީލެއް ނިމެންދެން އެ ބޭހަކީ ރާއްޖޭގައި "ރެސްޓްރިކްޓެޑް" ބޭހެއް ކަމަށް ވަނީ ނިންމާފައި ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އަދި މިވަގުތު ގުދަންކުރެވިފައިހުރި މި ބޭހުގެ ސްޓޮކް ވަކިކުރުމަށްފަހު ރައްކާކުރަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.