މާރާމާރީއެއްގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ ހުޅުމާލެ ފްލެޓް ނަންބަރު C9-4-C އަހުމަދު ނިޒާމު، 50، އެވެ.

ފުލުހުން ބުނީ އެނާ ހޯދަނީ ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ނިޒާމު ހާޒިރުވާން ފުލުހުން ވަނީ އެދިފައެވެ.