އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ދިވެހިރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދާއިރާތަކުން ދެޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް އަލި އަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖެއަށް ފައިދާކުރާ، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބާރުލިބޭ ކަންކަމަށް މަރުހަބާކިޔުން ކަމުގައި ވިދާޅުވިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ވަނީ ދިވެހިރާއްޖެއާއި އެމެރިކާއިން އިސްކަންދޭ މުހިންމު ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުވަނީ ވަނީ ކުރިއަށް އޮތީ ރަމަޟާން މަހަށްވާތީ، ފަލަސްޠީނުގެ ޣައްޒާ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދެން އޮތީ ބައިނަލްއައްވާމީ ގޮތުން ގަބޫލުކުރާ ދެދައުލަތެއް ގާއިމުކޮށް، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، އަދި ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކޮށްގެން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި ރައީސް ރިޔާސީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުޙަބާ ވިދާޅުވިއެވެ.

އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ ސުލްހަވެރިކަމާއެކު ގެންގޮސްދެއްވުމާއި، ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވި ގޮތްތަކަށް ތަޢުރީފުކުރައްވައި، އެއީ މުޅި ދެކުނު އޭޝިއާއާއި ދުނިޔޭގެ އެހެން ގާއުމުތަކަށްވެސް މިސާލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.