ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި މެދުގައި ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ހިންގި މާރާމާރީ ދުނިޔޭގެ އެކި މީޑިއާތަކުގެ ސަމާލުކަމަށް އައިސްފިއެވެ.

މި ހަމަނުޖެހުންތަކުގެ ހަބަރުތައް ގެނެސްދިން މީޑިއާތަކުގެ ތެރޭގައި އިންޑިއާ އާއި ސްރީލަންކާގެ ބައެއް މީޑިއާތައް ހިމެނެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ޓީވީ އަދި ނޫސް ވެބްސައިޓެއް ކަމުގައިވާ "އަލްޖަޒީރާ" އިން ވެސް ވަނީ މި ހަބަރު ގެނެސްދީފައެވެ.

އަލްޖަޒީރާއިން ވަނީ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އުޅުއްވި "އަހްލާގީ ފެންވަރު ދަށް" ވީޑިއޯ ހިއްސާކޮށްފައެވެ. އަދި މެމްބަރުން ހިންގި މާރާމާރިތަކުގެ ތެރޭގައި އެކަކު އަނެކަކުގެ އިސްތައްޓަށް ދެމުމާއި ދުންމާރި ބޭނުންކޮށްފައިވާ ކަމަށް ވެސް އަލްޖަޒީރާ އިން ބުންޏެވެ.

މަޖިލީހުގައި ހަމަނުޖެހުން ހިންގާ ވީޑިއޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ދައުރުވަމުން އަންނަ އެއް ވީޑިއޯގައި މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ، ޕީއެންސީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޮލަށް ފައިން އަރައިގެން ފިއްތާލާ މަންޒަރު ފެނެއެވެ. އަދި އެހެން ވީޑިއޯއެއްގައި އީސަ، މަތިވެރި ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޒަރީރު "ހޫރާލާ" ތަން ވެސް ފެނެއެވެ.

މަޖިލިހުގެ ތަޅުމުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވީ، މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދޭން އިދިކޮޅު އެންމެ ބޮޑު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ.