ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލު ކުރައްވައިފިއެވެ.
ސިޔާސީ މަސްރަހުން ވަގުތީގޮތުން ދުރަށް ޖެހިވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ދިރިއުޅުއްވުން ގާނާއަށް ބަދަލު ކުރެއްވިކަން ހާމަކުރައްވާފައި ވަނީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި އެކްސް ޕޯސްޓުގައި ނަޝީދު ވިދާޅުވީ ގާނާގެ ވެރިކަންކުރާ ރަށް އާކްރާއަށް އެމަނިކުފާނު ވަޑައިގެންފި ކަމަށާއި، ކުރިޔަށް އޮތް އަހަރުތަކުގައި ދިރިއުޅުއްވާނީ އެ ސިޓީގައި ކަމުގައެވެ. އަދި ނަޝީދު ވިދާޅުވީ އެ ގައުމަށް ދިރިއުޅުން ބަދަލު ކުރެއްވީ "ދަ ސީވީއެފް" ގެ ފުރަތަމަ ސެކެޓްރީ ޖެނެރަލްގެ ހައިސިއްޔަތުން މަގާމުގެ މަސްއޫލިއްޔާތާއި ހަވާލުވެވަޑައިގަންނަވައިގެން ކަމުގައެވެ.
"ދަ ސީވިއެފް"ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވަނީ ގާނާއިންނެވެ.
"ދަ ކްލައިމެޓް ވަލްނަރަބްލް ފޯރަމް" (ދަ ސީވީއެފް) ޖަމިއްޔާއަކީ ތިމާވެށީގެ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭގައުމުތައް އެކުވެގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.
އެޖަމިއްޔާއަށް މިހާރު، އެފްރިކާ، އޭޝިއާ، ކެރީބިއަން، ކެޓިން އެމެރިކާ އަދި ފެސިފިކްއަށް ނިސްބަތްވާ 58 ގައުމެއް ނިސްބަތް ވެއެވެ. އަދި ދުނިޔޭގެ 1.4 ބިލިއަން މީހުން އެ ޖަމިއްޔާއިން ތަމްސީލު ކުރެއެވެ.