ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އައްޑޫ ސިޓީ ހިތަދޫ އިން ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ފުވައްމުލަކުގައި ކަރަންޓް ކެނޑުމުގެ ޝަކުވާ ބޮޑުވުމުގެ ސަބަބުން އެ މައްސަލަ ހައްލު ކޮށްދިނުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އައްޑޫސިޓީ ހިތަދޫން ޓްރާންސްފޯމަރެއް އެރަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.

ފުވައްމުލަކު ކަރަންޓަށް މި ދިމާވި މައްސަލައަކީ، އެ ސިޓީގައި ބަހައްޓާފައިވާ 800 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް ފަޅައިގެން ދިޔުމުގެ ސަބަބުން މިވަގުތު އެ ސިޓީގެ މިސްކިތްމަގު އަވަށުން ބަޔަކާއި މާދަނޑު އަވަށުގެ ބަޔަކުން ކަރަންޓު ކެނޑިފައިވުމުގެ މައްސަލައެވެ. އެހެންކަމުން މިމައްސަލަ ހައްލު ކުރުމުގެ ގޮތުން އައްޑޫސިޓީ ހިތަދޫން 1000 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް އެރަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރޭގެ ވަގުތެއްގައި އެ ޓްރާންސްފޯމަރު ހަރުކޮށް، ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓް ދެވޭނެ ކަމަށް ފެނަކައިން ލަފާކޮށްފައިވެއެވެ.

ފުވައްމުލަކު ކަރަންޓް މައްސަލަ ހައްލު ކުރުމަށް ހިތަދޫން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ފަށާފައިވާއިރު، ގައްދޫގައި ހަރުނުކޮށް ހުރި 800 ކިލޯވޮޓްގެ ޖެނެރޭޓަރެއް ވެސް އެރަށަށް ގެންދިއުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ނަމަވެސް ގައްދޫ ރައްޔިތުން ހުރަސް އެޅުމާއި ގުޅިގެން އެ ޖެނެރޭޓަރު ގެންދެވޭ ގޮތެއް ނުވިއެވެ.