ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލާންސް ހިދުމަތް ފެށުމަށް ދެގައުމުން އެއްބަސް ވެއްޖެއެވެ.

މިގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް އޭވިއޭޝަން ސަރވިސަސް މިނިސްޓަރ މުޙައްމަދު އަމީނާއި، ސްރީލަންކާގެ ޕޯޓްސް، ޝިޕިންގ އެންޑް އޭވިއޭޝަން މިނިސްޓަރ ނިމާލް ސިރިޕާލާ ޑި ސިލްވާ ބައްދަލުކުރައްވާ ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި ހިނގާ ކުއްލި އެކްސިޑެންޓްތަކަށާއި ބަލިތަކަށް ފަރުވާ ހޯދުމަށް ސްރީލަންކާއިން ބޭނުންވާ އެމްބިއުލާންސް އެއާ ޓްރާންސްޕޯޓްގެ ހިދުމަތް ތައާރަފްކުރުމާ ބެހޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް އެމަޖެންސީ ފަރުވާއަށް ރާއްޖެއިން މީހުން ފޮނުވާފައިވަނީ އިންޑިއާއަށް ކަމަށާއި ނަމަވެސް ލަންކާގެ އެމަޖެންސީ ފަރުވާގެ ރަނގަޅު ހިދުމަތަށް ރިއާޔަތްކޮށް ކުރިއަށް އޮތް ތަނުގައި އެފަދަ ބަލި މީހުން ލަންކާގެ ހޮސްޕިޓަލްތަކަށް ފަރުވާ އަށް ފޮނުވުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނިރްމަލް ސިރިޕަލާ ޑެ ސިލްވާ ވިދާޅުވީ ކަޓުނަޔަކަ އެއާޕޯޓުގައި ހާއްސަ ޔުނިޓެއް ގާއިމުކޮށް، އެ ޔުނިޓައް ބޭނުންވާ ހުރިހާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ޓަކައި އެއާޕޯޓާއި ސިވިލް އެއާލައިންސް އޮތޯރިޓީގެ ކަމާބެހޭ ފަރާތްތަކަށް އެ މަސައްކަތަށް ބޭނުންވާ ހުރިހާ ހުއްދައެއް މިހާރު ދީފައިވާ ކަމަށެވެ.

މިއާއެކު ސަރުކާރުން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 1 އިން ފެށިގެން ރާއްޖެއަށް އަށް އެއާ އެމްބިއުލާންސް ތައާރަފު ކުރުމަށެވެ.