މާލެސިޓީގައި، ސައިކަލަކާއި ޕިކަޕެއް ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު، ޓޯޔާޑު ކައިރީގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި މިއެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:55ގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ވަނީ އަނިޔާވެފައެވެ. ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ. ނަމަވެސް ލިބުނު އަަނިޔާގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ވެފައިވަނީ މާލެސިޓީ ކައުންސިލްގެ ޕިކަޕެކެވެ.