ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރމަން އަލްއުސްތާޒު އިސްމާއިލް ހަބީބުއެވެ.

މި ފަހުމުނާމާގައި ސޮއިކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ވެސް މުޅިން އާ އިންތިހާބެއްކަމުގައި ދެކި، އިންތިހާބުގައި ދިމާވެދާނެ އެންމެހައި ކަންތައްތަކަށް ފުލުހުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން، އިންތިހާބަށް ހާއްސަ ކޮމާންޑަރުން ކަނޑައަޅައި، އެހެނިހެން ބަހާތަކުން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ތަންފީޒުކުރުމައްޓަކައި ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އިންތިހާބުގައި ފުލުހުންނާ ހަވާލުކުރެވިފައިވާ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ފުލުހުންގެ ޚިދުމަތުން ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ.

މި ފަހުމުނާމާއަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިހާބާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

އަދި ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތައް މި ފަހުމުނާމާގައި ބަޔާންކޮށްފައިވެއެވެ.