މެލޭޝިޔާގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މެލޭޝިޔާގެ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެ މެސެޖްގައި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުން، ރަސްގެފާނު ސުލްޠާން އިބްރާހީމްގެ ޒައާމަތުގައި އިތުރަށް ބަދަހިވެ އާރޯވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ދެގައުމުން އެކުގައި މަސައްކަތްކޮށް ދެގައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެކިއެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖް ނިންމަވާލެއްވެވީ މެލޭޝިޔާގެ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ.