މައިން ބަފައިން ދައްކާ މީހަކާ ކައިވެނި ކުރުމުގެ ޒަމާނެއް އެއްދުވަސްވަރެއްގައި ރާއްޖޭގައި ވެސް އޮތެވެ. އެހެންނަމަށް ވެސް އެހާ ފުޅާކޮށް ނޫނެވެ. އެކަން އޮތީ ވަރަށް މަދު ބައެއްގެ މެދުގައެވެ.
މައިންބަފައިން ވަކި މީހަކު ދައްކާފައި އެމީހަކާ އިންނަން އެދެނީ އެމީހުން ހިތުން ދަރިފުޅަށް ރަނގަޅަށެވެ. އެދައްކާ މީހާ ވާނީ ތަޢުލީމީ މީހަކަށެވެ. ވިޔަފާރިވެރިއަކަށެވެ. އޮޑިވެރިއަކަށެވެ. މަސައްކަތްތެރިއަކަށެވެ. ނުވަތަ އެފަދަ ކޮންމެވެސް ޚާއްސަ ސިފައެއް ހުރި މީހަކަށެވެ. އެފަދަ މީހަކާ ގުޅިގެންނޫނީ އުފަލާއި އަރާމުގައި ދުނިޔޭގައި އުޅެން އުނދަގޫވާނެ ކަމަށް މައިންބަފައިންނަށް ފެންނާތީއެވެ.
އެޒަމާނުގައި އެންމެ ތަނަވަސްކޮށް އުޅުނު އެއްބަޔަކީ އޮޑިވެރީން ކަމަށް ވެއެވެ. އެހެންކަމުން ތިމާމެންގެ އަންހެން ދަރީން މީހަކާދެވާ ކަމަށްވާނަމަ އެފަދަ ގެއެއްގެ ކުއްޖަކާ ދެވޭތޯ ބަލައެވެ. އެއީ އެފަދަ ޢާއިލާތައް ތަނަވަސްވީމައެވެ. މުއްސަނދި ވީމައެވެ. ފުދުންތެރިވީމާއެވެ.
މިބުނި ދުވަސްވަރެވެ. މެދު ރާއްޖެތެރޭ ރަށެއްގައި އިން އަންހެން ކުއްޖެކެވެ. އޭނާވަނީ ފިރިފުރާ ވަރަށް އަރައިފައެވެ. އޭނާގެ ރީތިކަމުގެ ވާހަކައަކީ އެރަށަށް މަޝްހޫރު ވާހަކައެކެވެ. އެރަށުގެ ހުރިހާ ފިރިހެންކުދިން ތިބެނީ އެމީހެއްގެ އުނގަށް "އެމާ ވެއްޓޭނެ" ކަމުގެ އުންމީދުގައެވެ.
މި ކުއްޖާއާ ހެދި ފުރާވަރުގެ ހުރިހާ ޒުވާނުން އުޅޭތީ އޭނާ ވެސް އިންނަނީ ނިކަން ތުއިވެފައެވެ. އެވަރަށް ކުދިން އޭނާއާ ހެދި އުޅޭތީ އޭނާ ވެސް ދިޔައީ ފިރިއަކަށްވާނެ މީހާގެ ސިފަތައް ސިކުނޑީގައި ކުރަހަމުންނެވެ.
އޭރު އެރަށުގައި ކިޔާ އެއްޗެއް އޮވެއެވެ. އިންނަވާނީ އަތަކުން އެންމެބޮޑު ދެ ގޮދާ އުފުލޭ ފިރިހެނަކާއެވެ. އެހެންނަމަވެސް ގޮދާއަކީ މަހެއްކަން އެނގުން ފިޔަވައި އޭގެ ސިފައެއް ސައިޒެއް މި އަންހެން ކުއްޖާއަކަށް ނޭނގެއެވެ.
މި ކުއްޖާގެ ފަސްފަހަތުން ފާރަލަމުންދިޔަ ޒުވާނަކަށް ލިބުނު ހަނިފުރުސަތެއްގައި ކައިވެންޏަށް އަހައިފިއެވެ. ހަމަ އަހާއިރަށް ލަދުރަކި ކަމާއެކު ނިކަން ކެރޭކަމަށް ދައްކަމުން އޭނާގެ ޝަރުތު ހުށަހަޅައިފިއެވެ. "އަތަކުން ދެ ގޮދާ ހިފައިގެން އައިސް ގޭގެ ތޮށަލިމަތީ ބާއްވާފައި ދެން ރަންކިޔަން ފޮނުވާ. މިކަން މިމަގަށް ނުކުރެވުނު މީހަކާ މަށެއް ގާއިމު ނުއިންނާނަން،" މި ޖަވާބު ދީފައި އެކުއްޖާ ހިނގައިގެންފިއެވެ.
ކޮންމެއަކަސް މި ޒުވާނާއަކީ ޖާނުން ވަރުގަދަ މުލައްދަނޑީގައި މަސްޖަހާފައިވާ ބާރުގަދަ އަދި ހިތްވަރު ވެސް ގަދަ ޒުވާނެކެވެ. ދެން އޮތީ އޭނާގެ މަސައްކަތެވެ. މި އެހެން ކުއްޖާގެ ގޮތާއި ފޮތް މި ސޮރަށް ނިކަން ރަނގަޅަށް އެނގޭތީތާއެވެ. "ނިކަން ވަރުގަދަ ގޮދާ ތިޔަބުނި ތޮށަލި މަތީގައި ބާއްވައިދޭނަން،" މިހެން ބުނެފައި އެ ސޮރު ވެސް ހިނގައިގެންފިއެވެ.
މި ސޮރު ކުރިކަމަކީ މަހުން ލަފައި އެންމެ ބޮޑު 4 ގޮދާ ނަގައިފިއެވެ. އަދި 4 ގޮދާ ކަނޑައި ދެކޮތަޅު ހޯދައި ކޮންމެ ކޮތަޅަކަށް ދެ ގޮދާ އަޅައިފިއެވެ. އަދި އަތަކުން ކޮތަޅެއް ހިފައިގެން އައިސް އެ ބުނާ ތޮށަލިގަނޑުގެ މަތީގައި ބާއްވައިފިއެވެ. އަދި އެކަން އަންހެން ކުއްޖާއަށް އަންގައިފިއެވެ. އަންހެން ކުއްޖާ އައިސް ބެލިއިރު މިއޮތީ ކަނޑާފައި ކޮތަޅަށް އަޅާފައި އޮތް 4 ގޮދައެވެ. މިކަމާ އަންހެން ކުއްޖާ ނުރުހުންތެރިކަން ދައްކައިފިއެވެ. އެހެންނަމަވެސް ފިރިހެން ކުއްޖާ ވަރަށް ހަމަޖެހިފައި ބުންޏެވެ. "ގޮދާ ގެންނަންވީ ގޮތެއް ނުބުނަމެއް ނޫން؟ ބުނީ އަތަކުން ދެ ގޮދާ ގެންނަ ވާހަކަ. އެއޮތީ އަތަކުން ދެގޮދާ ގެނެސްފައި. ދެން ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ކައްކައިގެން ކެއުން،" ފިހެން ކުއްޖާ ބުންޏެވެ.
މިކަމާ އަންހެން ކުއްޖާ ބުނާނެ އެއްޗެއް ނޭނގުނެވެ. އެންމެފަހުން ރަންކިޔަން އެއްބަސް ވެއްޖެއެވެ.