ރާއްޖޭގެ ހުކުރު ހުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށް ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މުސްލިމު އަހުންނާއި އުހުތުންނަށް ލިބޭނެހެން ބަހަން ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިކަމާ ގުޅޭގޮތުން ވިދާޅުވީ، އިސްލާމްދީނަކީ އާލަމީ ރިސާލަތެއް ކަމަށެވެ.
އަދި އިސްލާމީ މެދުމިންކަމުގެ މަންހަޖާއި ސައްހަ މައުލޫމާތު މުސްލިމުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
ހުތުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށްގެން ބަހަން ފަށާފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރުވަނީ ހުތުބާ ކިޔާ މީހާ ފެންނަ ގޮތަށް އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާ އެއްގައި ޓީވީވެސް ހަރުކޮށްފައެވެ.
އަދި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ޚުތުބާ ދޭހަކޮށްދިނުމަށް، އިޝާރާތުގެ ބަހުން ޓީވީން ހުތުބާ ކިޔައިދޭގޮތްވެސް މިހާރު ވަނީ ހަދާފައެވެ.