ދަ ސިމްޕްސަން ގެ ލިޔުންތެރިޔާ މާކް ވިލްމޯރ ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނިކޮށެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރަކީ 57 އަހަރެވެ.
މާކް ނިޔާވިކަން އޭނާގެ ބޭބެ ލޭރީ ވިލްމޯރ ވަނީ ޔަގީން ކޮށްދީފައެވެ. މި ކަން ލޭރީ ޔަގީން ކޮށްދީފައިވަނީ ޓުވީޓަރ މެދުވެރި ކޮށެވެ. އެ ޓުވީޓުގައި ބުނެފައިވާ ގޮތުން މާކް ނިޔާވެފައިވަނީ ކޮވިޑް 19 އިގެ އިތުރުން އެހެން ބަލިތަކާ ވެސް ހަނގުރާމަ ކުރަމުން ދަނިކޮށް ކަމަށެވެ.
ލޭރީ ބުނެފައިވަނީ މާކްއަކީ އެންމެންނާ ވެސް ގުޅޭ ވަރަށް މަޖާ މިޒާޖެއްގެ މީހެއް ކަމަށެވެ. އަދި އޭނާއަކީ ހިތްހެޔޮ ރަނގަޅު މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.
މާކް ތަޢުލީމް ހާސިލްކޮށްފައިވަނީ ކެލިފޯނިއާ ސްޓޭޓް ޕޮލިޓެކްނިކް ޔުނިވަރސިޓީ، ޕޮމޮނާ އިންނެވެ. އޭނާ ގެ ލިޔުންތެރިކަމުގެ ހަޔާތް ފަށާފައިވަނީ 1990 ވަނަ އަހަރުރެވެ. އޭނާ އެންމެ ފުރަތަމަ ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ހެރީ ހެންޑަރސަން ކިޔާ ޝޯއެއްގައިއެވެ. ފަހުން ވަނީ ލިވިން ކަލަރޒް ކިޔާ ޝޯއެއްގައިވެސް މަސައްކަތް ކޮށްފައިއެވެ. ލިވިން ކަލަރޒްގައި އޭނާ ދެއްކި ހުނަރުވެރިކަމުގެ ސަބަބުން ދަ ޓުނައިޓް ޝޯ އަދި ދަ ޕީޖޭޒް ފަދަ ޓީވީ ޝޯތަކުގައި ލިޔުންތެރިއެއްގެ މަގާމު ލިބިފައިއެވެ.
2002 ވަނަ އަހަރު އޭނާ ވަނީ ދަ ސިމްޕްސަން ޝޯ އާ ގުޅިފައެވެ. 2002 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު އޭނާ ވަނީ އެ ޝޯގެ 12 އެޕިސޯޑު ލިޔެފައެވެ. 2017 ވަނަ އަހަރު އޭނާވަނީ އެފް އިޒް ފޯ ފެމެލީ ކިޔާ ޝޯއެއްގައި ލިޔުންތެރިއެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.
މާކު ނިޔާވުމުން އޭނާއާއެކު މަސައްކަތް ކޮށްފައިވާ ލިޔުންތެރިއެއް ކަމުގައިވާ މައިކަލް ވަނީ އެކަމާ ހިތާމަކޮށް ޓުވީޓެއް ކޮށްފައެވެ. އޭނާ ބުނެފައިވަނީ އިތުރު ހުނަރުވެރިއެއް ވަކިވެގެން މި ދިޔައީ މާ އަވަހަށް ކަމަށާއި އޭނާގެ ނަސީބުގަދަ ކަމުން މާކްއާ އެކީ 3 ޝޯއެއްގައި މަސައްކަތް ކުރަން ލިބުނު ކަމަށެވެ. މާކް އަކީ އެންމެންނާ ގުޅޭ މަޖާ މިޒާޖެއްގެ މީހެއްގެ އިތުރުން ވަރަށް ރަނގަޅު މީހެއް ކަމަށް މައިކަލް ވެސް ވަނީ ބުނެފައެވެ. މައިކަލް ޓުވީޓުގައި ވަނީ މާކަށް ހެޔޮދުއާ ކޮށްފައެވެ.
މާކް ވަނީ އެމީ އެވޯރޑެއް ވެސް ހާސިލް ކޮށްފައިއެވެ.