"ކަންބަޅި" ފިލްމު އެޅުވުމުގެ ވަގުތު ކައިރިވަމުން އަންނަވަރަކަށް އިތުރަށް ބެލުންތެރިންގެ ހިތް ލަންބުލާވުމަށްޓަކައި އަނެއްކާވެސް ފިލްމް "ކަންބަޅި" ގެ ޓީމުން، އިތުރު ޕޯސްޓެއް ދައްކައިލައިފިއެވެ.

މީގެ ކުރިންވެސް ޕޯސްޓަރުތަކެއް މި ފިލްމް އިން ދައްކައިލައިފައިވާ އިރުގައި ފިލްމްގެ މައިގަނޑު ބައިތައް ކުޅެފައިވާ ތަރިންގެ ފުރަތަމަ ފެނިލުންފެންނަ ޕޯސްޓަރުތަކެއް ވެސް ވަނީ ފިލްމުގެ އިންތިޒާރުގައި ތިބި ބެލުންތެރިންނަށް ކުރިންވެސް ވަނީ ދައްކާފައެވެ. އަދި ފިލްމުގައި ކުޅޭ ރޯލުތަކުގެ ނަންތައް ވެސް ވަނީ އެ ޕޯސްޓަތުތަކުގައި ހިމަނާފައެވެ.

މިފަހަރުގެ ޕޯސްޓަރުން ފިލްމްގެ މުހިންމު ރޯލެއް އަދާ ކުރާ އެއް ބަތަލާ ކަމުގައިވާ ވާޝިޔާ މުޙައްމަދު ދައްކާލާފައި ވާއިރު ރަސްމީ ޕޯސްޓަރުން ފިލްމް ގެ ލީޑުން ފެނިގެންދާ ނުޒުހަތު ޝުއައިބް ވަނީ ފެނިގެން ގޮސްފައިއެވެ.

"ކަންބަޅީ" ގެ ކާސްޓަށް ބަލާ އިރު، ނުޒުހަތު ޝުއައިބް (ނުޒޫ)ގެ އިތުރުން ވާޝިޔާ މުހައްމަދު، އިފްނާޒް، ޝަރަފު އަބްދުﷲ، ތާތި އާދަމް، އިޝްފާން އަދި އަލީ ނަދީމު ހިމެނެ އެވެ. ފާހަގަކޮށްލެވޭ އިތުރު ތަރިންގެ ތެރޭގައި ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދު، އަލަށް ތަޢާރަފުވާ މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހްމަދް ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ، ދީނާ އަޙްމަދު (ޖެރީ) ހިމެނެއެވެ.

ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ކަންބަޅި އަކީ އިލްޔާސް ވަހީދު (އިއްލެ) އާއި އިފްނާޒް ގުޅިގެން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި އިފްނާޒް އެކްޓްވެސް ކުރާނެއެވެ. މި ފިލްމުގެ ޓްރެއިލާ އިން ފެނިގެންދަނީ ބަޔަކު ވެގެން "ކަންބަޅި" ހޯދަން ކުރާ މަސައްކަތެވެ. "ކަންބަޅީ" އަކީ ކޮން އެއްޗެއްކަން އެމީހުންނަށް ނޭނގޭ ހާލު އެ ހޯދަން މަސައްކަތްކުރާތަނެވެ.

އައި ފިލްމްސް މިހާތަނަށް ވަނީ ކާމިޔާބު ދެ ފިލްމެއް ނެރެފަ އެވެ. އެއީ "ނީނާ" އާއި "ބަވަތި" އެވެ