ދިވެހިރާއްޖޭގެ އުތުރުން ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އެ ދޯންޏަށް އިންޑިއާ ސިފައިން އެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އަސުރުމާ-3 ދޯނި ހއ .ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން އެ ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މި އުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމްއިން ކަށަވަރުވެ އެވެ. މި ހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ޝިޔާމް ވިދާޅުވި އެވެ.

އެމްއެންޑީއެފްއިން ބުނީ ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް، ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

އިންޑިއާގެ މަނަވަރެއްގެ ސިފައިން އަރާފައިވަނީ އ.ދ މަހިބަދޫ "އަސުރުމާ 3" ދޯންޏަށެވެ.