ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހަދަމުންދާ ޓާމިނަލްގައި އެއިރޯ ބުރިޖްތައް ހަރުކުރަން ފަށައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އިން ބުނީ ޓާމިނަލް ތެރެއިން ސީދާ މަތިންދާބޯޓަށް އެރޭ ގޮތަށް އެއިރޯބްރިޖްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓާމިނަލްއެއްގައި މިފަދަ ބްރިޖް ހަރުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އާ ޓާމިނަލް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އަދި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕާއެވެ. ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެމްއޭސީއެލްމިމަޝްރޫއު ކުރިއަށް ގެންދަނީ މެދުއިރުމަތީގެ ތަފާތު ހަތަރު ފަންޑަކުން ލޯނު ހަމަޖައްސައިގެންނެވެ. އެގޮތުން ކުވައިތު ފަންޑު، އަބޫ ދާބީ ފަންޑު، އޯޕިޑް، އަދި ސައުދީ ފަންޑުން ވަނީ ފައިސާ ހަމަޖައްސާދީފައެވެ. މި ޓާމިނަލް ތަރައްގީ ކުރަނީ އަހަރަކު 7 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

300 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މި މަޝްރޫއު މިއަހަރު ފަހުކޮޅަށް ނިންމާ ބޭނުން ކުރުމަށް އެމްއޭސީއެލް އިން ވަނީ އަމާޒު ހިފާަފައެވެ. މި އެއާޕޯޓުގައި ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ހުންނާނެއެވެ.