މ. މުލަކުގައި '' ބޮލި ޕާކް'' ގެ ނަމުގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ.

ޒަމާނީ ފެންވަރަށް މުލަކު ކައުންސިލްގެ ހަރަދުގައި ހަދައިފައިވާ މި ޕާކް ހުޅުވައިދެއްވީ މުލަކު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ނަސީރެެވެ.

'ހަލިނިއުސް' އަށް މައުލޫމާތު ދެއްވަމުން މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވިދާޅުވީ މިއީ ރަށުގައި ދިރިއުޅޭ ކުޑަކުދިން ގެއިން ބޭރަށް ނިކުމެ އެކުދިންނަށް ދުވެލާ ކުޅެލެވޭނެހެން އެކުވެރި ހިތްފަސޭހަ މާހައުލެއް ގާއިމު ކުރުމުގެ މަގުސަދުގައި ހުޅުވެގެންދިޔަ ޕާކެއް ކަމަށެވެ.

އަދި ކޮންމެ ރަސްމީ ދުވަހެއްގެ ހަވީރު 16:00 ން އިރުއޮއްސި 18:00 އަށް ހުޅުވާނެ ކަމަށާއި ރަސްމީ ބަންދު ދުވަސް ތަކުގައި ހަވީރު 16:00ން ފެށިގެން ރޭގަނޑު 21:00 އަށް ހުޅުވާފައި ހުންނާނެ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ހަމައެއާއެކު މި ޕާކް ތެރެއިން ކުޑަކުދިންނަށް ކެންޓީންގެ ހިދުމަތްވެސް ލިބޭނެ ގޮތަށް ހަދާފައިވާނެ ކަމަށްވެސް ކައުންސިލް ރައީސް ވަނީ ވިދާޅުވެފައެވެ.

އިއްޔެ ހަވީރު ހުޅުވި މި ޕާކަކީ މުލަކުގައި ގާއިމު ކުރެވުނު ފުރަތަމަ ޕާކެވެ. މި ޕާކްގެ ބޮޑު މިނަކީ 100 ފޫޓާއި 124 ފޫޓެވެ.

ބޮލި ޕާކު ހުޅުވުމުން މުލަކުގެ ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ އެ ޕާކަށް ޒިޔާރަތް ކޮށްފައިވެއެވެ.