މިޔަންމާގެ މަދަނީ ސަރުކާރުގެ ވެރިން ވަގުތުން ދޫކޮށްލުމަށް އެމެރިކާއިން މިޔަންމާގެ އަސްކަރީ ވެރިންނަށް ގޮވާލައިފިއެވެ.

އެމެރިކާއިންވަނީ، މިޔަންމާގެ ލީޑަރު އަންގް ސަން ސޫކީގެ އިތުރުން، އަސްކަރީން ހައްޔަރު ކޮށްފައިވާ ސޫކީގެ ސަރުކާރުގެ ހުރިހާ ވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.

އެކަން އެގޮތަށް ނުކޮށްފިނަމަ ވަރުގަދަ ރައްދު ފިޔަވަޅުތަކެއް އަޅާނޭކަމުގެ އިންޒާރުވެސް އެމެރިކާއިން ދީފައި ވެއެވެ.

އަންގް ސަން ސޫކީގެ ސަރުކާރު ވައްޓާލައި، އަސްކަރީން ވެރިކަމުގެ މައްޗަށް ބާރު ހިންގައި، ސޫކީގެ އިތުރުން، މިޔަންމާގެ ރައީސްވެސް ވަނީ ހައްޔަރު ކޮށްފައެވެ.

އަސްކަރީން މިކަމެއް މިކުރީ، މިދިޔަ ނޮވެމްބަރުމަހު ބޭއްވި ޕާލަމެންޓް އިންތިޚާބުގައި ބޮޑެތި އޮޅުވާލުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް އަސްކަރީ ވެރިން ތުހުމަތުކޮށް، އެ މައްސަލާގައި މަދަނީ ސަރުކާރާއި، އަސްކަރީ ވެރިންނާ ދެމެދު ހޫނުގަދަ އަރާރުންތަކެއް ހިނގަމުން ދަނިކޮށެވެ.

މިޔަންމާގައި ކުރިންއޮތް އަސްކަރީ ވެރިކަމުގެ ފަރާތުން ގާނޫނަށް ގެނައި އިސްލާހްގައި، ޕާލަމެންޓްގެ ތިންބައި ކުޅަ އެއްބަގައި ތިބެންޖެހެނީ އަސްކަރީ ވެރިން އައްޔަން ކުރައްވާ މެމްބަރުންނެވެ. އިންތިޚާބު ބާއްވަނީ ބާކީ ދެބަޔަށެވެ.

ނޮވެމްބަރު މަހުގެ އިންތިޚާބުގައި އަންގް ސަން ސޫކީގެ ނޭޝަނަލް ލީގު ފޮރ ޑިމޮކްރަސީން ޕާލަމެންޓްގެ އަޣުލަބިއްޔަތު ނަގާފައިވާ ކަމަށް ނަތީޖާއިން ދައްކާފައި ވެއެވެ. ނަމަވެސް، އަސްކަރީން އެކަން ގަބޫލެއް ނުކުރެއެވެ.

އާ ޕާލަމެންޓް މިއަދު ރަސްމީކޮށް ހުޅުވަން ތައްޔާރުވެފައި ވަނިކޮށް އަސްކަރީންވަނީ ސަރުކާރު ވައްޓާލައި، ވެރިކަމުގެ މައްޗަށް އަތްގަދަކޮށް މުޅި ގައުމުގައި އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު ހިންގާފައެވެ.

އަދި މިޔަންމާގެ ވެރިކަމުގެ ހުރިހާ ބާރުތަކާ ސިފައިންގެ ކޮމާންޑަރ އިން ޗީފް، ސީނިއަރ ޖެނެރަލް މިން އަންގް ހްލައިންގް މިހާރުވަނީ ހަވާލުވެފައެވެ.

އެމެރިކާގެ ވައިޓްހައުސްގެ ތަރުޖަމާނު ޖެން ޕްސާކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ކުރެވޭ އެއްވެސް ކަމެއް އެމެރިކާއިން ގަބޫލު ނުކުރާނޭ ކަމަށެވެ.

އަދި މަދަނީ ސަރުކާރު ވައްޓާލައި، ސަރުކާރުގެ ވެރިން ހައްޔަރުކުރި ކުރުން ބަދަލު ނުކޮށްފިނަމަ އެކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.