ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ 'ކޮމިއުނިޓީ ފޯރަމް 2024'' ތިންރަށެއްގައި ބާއްވައިފިއެވެ.

އިއްޔެ މި ފޯރަމްތައް ބާއްވާފައިވަނީ، ރ. ދުވާފަރު، ގދ. ތިނަދޫ އަދި ލ. ފޮނަދޫގައެވެ.

ފުލުހުން ބުނީ މި ފޯރަމްތަކުގައި ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށް އެ އަތޮޅުތަކަށް ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވާފައިވާ ސީނިއަރ އޮފިސަރުންނާއި، ރީޖަން ކޮމާންޑަރުންނާއި އަތޮޅުތަކުގެ ކޮމާންޑަރުންގެ އިތުރުން ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ މުވައްޒަފުންނާއި އެ އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އެ ދެއަތޮޅުގެ ރަށްރަށުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކާއި ވިޔަފާރިވެރިންނާއި ރަށްރަށުގެ ކަމުވޮށިގެންވާ މީހުން ބައިވެރިވެލެއްވި ކަމަށެވެ.

އަދު މި ފޯރަމްތަކުގައި މުޖުތަމައުގައި މިހާރު ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދައި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަށް ދެނެގަނެ، ފުލުހުންނާއި ރައްޔިތުން ގުޅިގެން ރަނގަޅު ހުދުމަތްތަކެއް ފޯރުކޮށްދޭނެ ގޮތްތަކާ ބެހޭގޮތުން ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފަައިވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުވެެފައި ހުރި އުސޫލުތަކާއި ސިޔާސަތުތައް އަދި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފޯރަމުގެ ބައިވެރިންނަށް މައުލޫމާތުދީ މަޝްވަރާކޮށްފައިވެއެވެ.