އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މަރަދޫ އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް ސެމީފައިނަލުގެ ފަހު ޖާގަ މެދުވަލު އެފްސީ ކަށަވަރު ކޮށްފިއެވެ.

މެދުވަލު އެފްސީ ސެމީފައިނަލަށް ދިޔައީ، ކުޅުނު 3 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަދި އެއްމެޗުން އެއްވަރު ވުމާއެކު، 4 ޕޮއިންޓު ހޯދައިގެންނެވެ.

މުބާރާތުގައި މިގްރޫޕުގައި ފޭދޫ ސްޕޯޓްސް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް އިރު، އެޓީމު ވަނީ ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. އެހެން ކަމުން 9 ޕޮއިންޓް ލިބެއެވެ. މުބާރާތުން މަރަދޫ އެފްސީ ކެޓީ އެންމެ ޕޮއިންޓަކާ އެކުގައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. އެގޮތުން ފުރަތަމަ ހާފުގެ 4 ވަނަ މިނެޓުގައި މެދުވަލު އެފްސީގެ އިބްރާހީމް ސިރާޖު ވަނީ އެޓީމަށް މަރަދޫގެ ގޯލު ހުޅުވާލަ ދީފައެވެ. މިމެޗުގައި މަރަދޫ ޓީމުން ގިނަ ހަމަލާތަށް އުފެއްދި ނަމަވެސް ހުސް ފުރުސަތުތަކުގެ ވެސް ބޭނުން ނުހިފި ދިޔަތަން ފެނިގެން ދިޔައެވެ. އެޓީމުން މެޗުގެ ފުރަތަމަ ހާފު ނިމެން ގާތް ވެފައި ވަނިކޮށް ނަތީޖާ ހަމަހަމަ ކުރީ، ވިޝާން ހަބީބުގެ ގޯލަކާއި އެކުގައެވެ.

މެޗުގެ ދެވަނަ ހާފު ދެޓީމުންވެސް ފެށީ، ދާދި ހަމަހަމަ ކުޅުމެއް ދައްކަމުންނެވެ. ދެޓީމުގެ ވާދަވެރި ކުޅުމުގެ ތެރެއިން މިހާފުގައި މަރަދޫ ޓީމުން ކުރި ހޯދީ، ލިބުނު ޕެނެލްޓީއެއް 56 ވަނަ މިނެޓުގައި ވައްދާލައިގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް މަރަދޫ އަދި މެދުވަލު ޓީމަށް ގިނަ ހަމަލާތަކެއް އުފެއްދުމަށް ލިބުނު ނަމަވެސް ދެޓީމުން ކުރެ ޓީމަކަށް ކާމިޔާބު ވާގޮތް ނުވެއެވެ. މިހާފުގައި މެދުވަލު ޓީމަށް ނަތީޖާ ހަމަހަކޮށްދިނީ، މި ހާފުގައި ލިބުނު ޖެހުމަކުން ގޯލަށް ވައްދާލައިގެން އެޓީމުގެ ހާޒިމް ފައުޒީއެވެ.

މެދުވަލު އެފްސީ މިމުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރިއިރު، އެޓީމާއި ވާދަ ކުރަނީ ގްރޫޕް އޭ އިން މިހާރު ސެމީފައިނަލަށް ގޮސްފައިވާ ފާހި ސްޕޯޓްސް ނުވަތަ ބޭރުމަތި ޓީމެވެ. މި ދެޓީމުވެސް މިވަގުތު ޕޮއިންޓުގެ ގޮތުން 6 ޕޮއިންޓާއި އެކު ހަމަހަމައެވެ.

މި މުބާރާތުގައި ޖުނުއަރީ ތިންވަނަ ދުވަހު ކުޅޭނީ ގްރޫޕުގެ އެއްވަނަ ނެގުމަށް ދެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗެވެ.