ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ހެދުމަށް ގައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއް ތައްޔާރުކޮށް ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން މި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ސޮއިކުރެއްވިއިރު، އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، މިއީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރެވެން ހުރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ހިދުމަތްތައް ފުޅާކުރުމުގެ ބޭނުމުގައި ކުރަން ނިންމި ދިރާސާއެއް ކަމަށް އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުބީން ވަނީ ވިދާޅުވެފަައެވެ. ހަމައެހެންމެ ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވާތީ، ރާއްޖޭގައި ބޭހާއި ކޮންސިއުމާ ގުޑްސް ފޯރު ކޮށްދިނުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަތުމުގެ މުހިންމުކަން ބޮޑު ކަމުން، މިފަދަ ދިރާސާއެއް ކުރުން މުހިންމުކަމަށް މުބީން ވަނީ ފާހަގަ ކުރައްވާފައެވެ. މުބީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޫރިޒަމް ތަރައްގީވެ ފުޅާވަމުންދާއިރު، މި ފަދަ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދޭން ޖެހެ އެވެ.

މި ދިރާސާއާއި ގުޅޭގޮތުން އެމްއެންޔޫގެ ޑެޕިއުޓީ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދު ވިދާޅުވީ އެއާ ކާގޯ އަކީ ރާއްޖޭގެ އިގުތިސާދީ ހުރިހާ ދާއިރާއަކަށް މުހިންމު ހިދުމަތަކަށް ވާއިރު، މި ދިރާސާއިން އެ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަނެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ކާގޯ ރައްކާކުރެވެން ހުރި ފެސިލިޓީތަކާއި އެ ތަންތަނުގެ ކެޕޭސިޓީ އާއި އެއާކާގޯއިން ގެންދާ ކާބޯތަކެތި ރައްކާތެރިކަމާއެކު ސްޓޯކުރެވޭނެ އިންތިޒާމުތައް ހުރިތޯ ވެސް ދެނެގަނެވޭނެކަން ޝެހެނާޒް ފާހަގަކުރެއްވިއެވެ.

މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ދިރާސާއެކެވެ.