ރާއްޖެއިން ބޭރުން އެތެރެކުރާ ތުއްތުކުދިންގެ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އިމްޕޯޓަރުންނަށް އަންގައިފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކުރާ 'ކަނޑައެޅިފައިވާ އުފެއްދުންތައް' ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ދެމުންދަނީ އެ އޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހު ކަމަށެވެ.
އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މި ގަވާއިދުގައި ބަޔާންކޮށްފައިވާ "ކަނޑައެޅިފައިވާ އުފެއްދުންތައް" ރަޖިސްޓަރީ ކުރަމުން ދިޔަ ނަމަވެސް، މިހާރަކަށް އައިސް މިފަދަ ތަކެތި އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
އެހެންކަމުން ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އިމްޕޯޓަރުންނަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
މިގޮތުން މި އުފެއްދުންތައް އެތެރެކުރާ ފަރާތްތަކުން 31 ޖުލައި 2024 ގެ ފަހުން އެމް.އެފް.ޑީ.އޭގައި ރަޖިސްޓަރީ ކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.