މިއަދު ހުކުރު ވަގުތު ސިނަމާލެ ހައިވޭ ގައި ދުއްވާފައި ދިޔަ ކާރެއްގެ ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

އެކްސިޑެންޓްވީ ގަދަ ނޫކުލައިގެ ނިސާން އީ ނޯޓް ބްރޭންޑްގެ ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް ސޯލާ ޕެނަލްތައް ހަރުކޮށްފައިވާ ސަރަހައްދުގެ އެތެރެއަށް ވަދެފައިވާއިރު ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންވެފައެވެ.

އެގޮތުން ކާރު ކުރީކޮޅު އޮތީ މުޅީން ބަނޑިވެ ހަލާކުވެފައި ވާއިރު ސޯލާޕެނަލްތަކަށްވެސް ވަނީ ގެއްލުންތަކެއް ވެފައެވެ. މިއެކްސިޑެންޓް ގައި ގެއްލުންވީ ހައިވޭގެ މެދުގައި ހަދާފައިވާ ފްރޭމްތަކަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.