މެއި 10 ގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުމަށް "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުމުގައި އިންޑިއާ އާއި ރާއްޖެއިން އެއްބަސްވެއްޖެކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން އުފައްދާފައިވާ، "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުން ބާއްވާފައި ވަނީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. އިއްޔެގައި ބޭއްވި މިބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކަށް ވެފައި އޮތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށް ވާއިރު،

ދިވެހިހާާރިޖިއްޔާއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، ދެޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވިފައި ވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެފައި ތިބި ތިން އޭވިއޭޝަން ޕްލެޓް ފޯމުގެ ތެރެއިން އެއް ޕްލެޓްފޯމްގައި ތިބި ސިފައިން މާރިޗު 10 ގެ ކުރިން އިންޑިއާއަށް ގެންދިއުމަށާއި، އަދި މެއި 10ގެ ކުރިން އަނެއް ދެ ޕްލެޓްފޯމްގައި ތިބި އިންޑިއާގެ ސިފައިންވެސް އަނބުރާ ގެންދިޔުމަށެވެ. އެނގިފައިވާ ގޮތުގައި އިންޑިއާއިން ހުށައަޅާފައި ވަނީ، އިންޑިއާގެ ސިފައިންގެ ބަދަލުގައި، އިންޑިއާގެ މަދަނީން ބަދަލުގައި ބޭއްތިއްބުމަށެވެ.

އަދި ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ، ދެ ހެލިކޮޕްޓަރާއި، ޑޯނިއާ ފްލައިޓް ދުއްވުމަށް އިންޑިއާގެ ސިފައިންކަމުގައި ނުހިމެނޭ އިންޑިއާ މީހުން ބޭތިއްބުމަށް އިންޑިއާއިން ވަނީ ހުށައަޅާފައި ކަމަށާއި އެގޮތަށް ދިވެހި ސަރުކާރުން އެއްބަސްވާކަމަށްވެސްވެއެވެ.

"ހައި ލެވެލް ކޯ ގްރޫޕް" ގެ ތިންވަނަ ބައްދަލުވުން ބާއްވާނީ، މި ފެބުރުއަރީ މަހުގެ ފަހު ހަފްތާގައި މާލޭގައި ކަމަށް ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ހާމަކޮށްފައިވެއެވެ.