ފާއިތުވި ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް މިހާރު ދަނީ އިތުރުވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ޖުމްލަ 215 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އޭގެތެރެއިން 159 މީހުންނަކީ މާލެ އިން ޕޮޒިޓިވްވި މީހުންނެވެ.
މިކަމާ ގުޅޭގޮތުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މިހާރު ރާއްޖެއިން ފެންނަމުން މިދަނީ ކޮވިޑްގެ ތިންވަނަ ރާޅު ކަމަށާއި އުންމީދު ކަނޑާނުލައި އެކަކު އަނެކަކަށް އިނގިލި ދިށްނުކޮށް، އެންމެން ގުޅިގެން ތިންވަނަ ރާޅުންވެސް ސަލާމަތްވެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ޚިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް ކޮވިޑް ކޭސްތައް މަދުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު، ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު އޮތުމެވެ. އެފަދައިން ކަންތައްތައް ވެގެން ހިނގައްޖެނަމަ ފަރުވާ ދޭންޖެހޭނީ ސެލެކްޑެޓް ބަޔަކަށެވެ. އެ ސެލެކްޓު ކުރާ މީހުންނަށް ފަރުވާދީ ބަލިން ފަސޭހަވުމުން ނޫނީ ދެން ތިބި މީހުންނަށް ފަރުވާ ނުދެވޭނެ އެވެ. މިހެން މިކަން މެދުވެރިވެއްޖެނަމަ ފަރުވާ ނުލިބި މަރުވާ މަންޒަރު ފެނިގެންދާނެ އެވެ.
ފަރުވާ ނުލިބި މީހުން މަރުވުމަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ތަޖުރިބާކޮށްފައިވާ ކަންކަމެވެ. މިކަން ތަޖުރިބާ ކުރި އެއް ގައުމަކީ އިޓަލީއެވެ. އެ ގައުމުގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި އެވެ. އެ އެންމެނަށް ފަރުވާދެވޭނެ ވަސީލަތެއް އެ ގައުމުގައި ނެތުމުން ފަރުވާ ނުލިބި ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މީހަކު މިދުނިޔެއާ ވަކިވެގެން ގޮސްފައިވެ އެވެ.
ރާއްޖެފަދަ އާބާދީ ކުޑަ ގައުމަކަށް އިޓަލީއަށް ވީގޮތްވާން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ އެވެ. އެކަން ވިޔަނުދިނުމަށްޓަކައި ކުރެވެން އޮތް ކަމަކީ ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމެވެ. ޕާކްތައް ތޮއްޖެހިފައިވާނަމަ އެއްގޮތަކަށް ވެސް ޕާކްތަކަށް ނުދިޔުމެވެ. ކައިވެނި ޕާޓީތަކާއި އެކިއެކި ހަފްލާތައް ނުބޭއްވުމެވެ. ކިތަންމެ ދާ ހިތްވިޔަސް ޕިކްނިކް ދިޔުމާއި މަސްދަތުރުތަކުގައި ދިޔުން މުޅިން ހުއްޓާލައިގެންނެވެ.