ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތީ 185 މިލިއަން ރުފިޔާ ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ޕޯސްޓެއް ކުރައްވާ އެމަނިކުފާކު މިހެން ވިދާޅުވެފައިވަނީ މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓަކަސް ރައްދު ދެއްވަމުންނަނެވެ.
މިނިސްޓަރ ޝިޔާމްގެ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށާއި ކުރީ ސަރުކާރުން މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުން، ރާއްޖޭންނާއި ރާއްޖޭން ބޭރުންވެސް ލޯނު ހޯދަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
މި ކަމާގުޅިގެން އަމީރު އިތުރަށް ވިދާޅުވީ ޝިޔާމް ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
މީގެއިތުރުން ސަޕްލިމެންޓްރީ ބަޖެޓު ހަމަޖެހުމާއެކު ކުރީ ސަރުކާރުން ވަނީ މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށެވެ. މަސްވެރިންނަށް ފައިސާ ދޭން 100 މިލިއަން ރުފިޔާ އެގޮތުގެ މަތިން ހަމަޖައްސައި، ކޮންމެ ހަފުތާއަކު ދިޔައީ މަސްވެރިންނަށް ފައިސާ ދޫކުރަމުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން މަސްވެރިންނަށް ފައިސާ ދޫކުރީ މިހާރަށްވުރެ ދަތި ދުވަސްވަރެއްގައި ކަމަށާއި މި ސަރުކާރަށް މަސްވެރިންނަށް ފައިސާ ދޫނުކުރެވިގެން އުޅެނީ، މަސްވެރިންނަށް ފައިސާ ދިނުމަށްވުރެ އެހެންކަންކަން މުހިންމުވާތީ ކަމަށެވެ.
އިއްޔެރޭ އާންމުކުރި ރައީސް ޑރ. މުއިއްޒުގެ ވީޑިއޯ މެސެޖެއްގައި، އެމަނިކުފާނު ވިދާޅުވެފައިވަނީ ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 250 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވެފައިވަނީ މި ސަރުކާރުން ދެ ފަހަރެއްގެ މަތިން 200 މިލިއަން ވަރަކަށް ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައި ކަމަށާއި ނަމަވެސް އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އޭގެ އިތުރުން ވެސް އިތުރަށް މަސްވެރިންނަށް ދޭން ޖެހިފައިވާ ފައިސާ އެބަހުރި ކަމަށެވެ.
އެގޮތުން މިހާރު 270 ވަރަކަށް މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން ޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.