އިންސާނާ އަނދިރިކަމުގެ ތެރެއިން އަލި ކަމުގެ ތެރެއަށް ގެނެސްދޭ އެއްޗަކީ ޢިލްމެވެ. ދަތުމެވެ. ޢިލްމަކީ ބަންދުވެފައި ހުންނަ އިންސާނާގެ ސިކުނޑި ތަނަވަސް ކޮށްދީ ހުޅުވައިދޭ އެއްޗެއްކެވެ. އިންސާނާ ޖާހިލުކަމުން ހޭލައްވައިދޭ އެއްޗެވެ. ޢިލްމަކީ އޭގެ އަގު ވަޒަންކުރަން ދަތި އެއްޗެކެވެ. އިންސާނާގެ ބަހާއި ޢަމަލު ހަމަ މަގަށް އަޅުވައިދޭ އެއްޗެވެ. އިންސާނާގެ ހިތުގައި ރަޙްމާއި، އޯގާތެރިކަން އުފައްދައިދޭ އެއްޗެކެވެ. އިންސާނާ އިންސާނަކަށް ހަދައި މާތްކޮށް މަތިވެރިކޮށްދޭ އެއްޗެކެވެ. އަދި މިނޫނަސް މިފަދަ ކިތަންމެ ކަމެއް، ނުވަތަ ކިތަންމެ ބަދަލުތަކެއް އިންސާނާއަށް ގެނެސްދޭ އެއްޗެކެވެ.

ހެޔޮ ކަންތައްތަކާއި، ރަނގަޅުކަންކަން ތިމާއަށް އެނގެނީ ޢިލްމުގެ ވަޞީލަތުންނެވެ. އީމާންތެރިކަމާއި، ތަޤްވާވެރިކަން ވެސް ލިބެނީ ޢިލްމުވެރިކަމުންނެވެ. މި ހުރިހާކަމެއް އެނގެނީ ޢިލްމުންނެވެ. އަދި ދުނިޔެވީ ކަންކަމާއި، ސައިންޓިފިކް ހޯދުންތައް ހޯދެނީ ވެސް ޢިލްމު އުނގެނިގެންނެވެ. ވީމާ، ޢިލްމު ނެތް ނަމަ އެއްވެސް މީހަކު ކުރާ ކަންތައްތަކުގައި، އަދި ދައްކާ ވާހަކައެއްގައި ވެސް ބުރަދަނެއް ނުހުންނާނެއެވެ. އެއީ އެކަމުގެ ޢިލްމު އެމީހާގެ ކިބައިގައި ނެތުމުންނެވެ. ބަސްމޮށުންތެރިކަމާއި، ލިޔުންތެރިކަމާއި، އުޅުމާއި، ގުޅުން ވެސް ލިބެނީ އެމީހެއްގެ ކިބައި ހުންނަ ޢިލްމެއްގެ މިންވަރަކުންނެވެ. ނުވަތަ ޢިލްމެއްގެ ސަބަބުންނެވެ.

ދުނެޔޭގައި ދެ ބާވަތެއްގެ ޢިލްމުވެއެވެ. އެއީ، ދީނީ ޢިލްމާއި، ދުނިޔަވީ ޢިލްމެވެ. ޙަޤީޤަތުގައި މި ދެ ޢިލްމަކީ އެއް ޢިލްމު އަނެއް ޢިލްމާ ގުޅި ލާމެހިފައިވާ ދެ ޢިލްމެވެ. ދުނިޔޭގައި އިންސާނާ އުޅެންވީ ގޮތް ބަޔާންކޮށްދެނީ، ދީނީ ޢިލްމުގައެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާ ކާއިނާތުގައި ލައްވާފައިވާ ކަންތައްތައް ހޯދައި ދަސްކުރަނީ، ދުނިޔަވީ ޢިލްމުންނެވެ. މިދެ ޢިލްމުންކުރެ އެއް ޢިލްމު އުނގެނުމުން އަނެއް ޢިލްމުގެ ތެރެއަށް ވަދެވެއެވެ. ނަމަވެސް މިކަން އެނގެނީ އެ ކަންކަމަށް ވިސްނާ ފިކުރުކުރާ މީހުންނަށެވެ. ދުނިޔެވީ ޢިލްމުގެ ތެރެއިން މީހާ، ދީނީ ޢިލްމުގެ ތެރެއަށް ވަންނަން މަޖުބޫރުވާ ފަހަރު އައިސްފައި ވެއެވެ. އުނގެނުމަކީ ކުރަން ޖެހޭކަމެކެވެ. ޢިލްމު ހޯދުމަށް އިންސާނުންނަށް މާތް ﷲ ވަނީ އަންގަވާފައެވެ.

މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައި ވަނީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." (ސޫރަތުލްޢަލަޤުގެ 1ން5 އާޔަތް) މި އާޔަތްތަކުން އަންގައިދެނީ، ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ދެއްވާފައިވާ އަހައްމިއްތަޔުކަމެވެ.

ޢިލް އުނގެނޭ ކުދިންނަކީ ނުވަތަ ދަރިވަރުންނަކީ، ވަރަށް މާތް އަދި ވަރަށް މަތިވެރި ބައެއްކަން ސާބިތުވެއެވެ. ޢިލްމު އުނގެނިފައި ތިބޭ ޢިލްމުވެރިންގެ މާތްކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގެ އާލްޢިމްރާން ސޫރަތުގެ 18 ވަނަ އާޔަތުގެ މާނާގައި ވަނީ މިފަދައިންނެވެ. "ހަމަކަށަވަރުން، ﷲ އެކަލާނގެ ފިޔަވައި (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، އިލްމުގެ އަހުލުވެރިން ވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި ތަދްބީރު ކުރެއްވުމުގައި) ޢަދްލުވެރި ކަމާއިގެން އެކަލާނގެ ޤާއިމުވެ ވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެތެވެ. (އެކަލާނގެއީ) ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ.

މިއާޔަތުގައި މާތްﷲ އެންމެ ފުރަތަމަ ފަށްޓަވާފައި ވަނީ އެކަލާނގެ ޒާތުފުޅުންނެވެ. ދެވަނައަށް ވަނީ އެކަލާނގެ މަލާއިކަތުންގެ ވާހަކައެވެ. ތިން ވަނަ އަށް އެ ވަނީ ޢިލްމުވެރިއެއްގެ ވާހަކައެވެ. ވީމާ މިއާޔަތަށް ވިސްނާ ފިކުރު ކޮށްފިކަމުގައި ވާނަމަ ޢިލްމުވެރިންނަށް މާތްﷲ ދެއްވާފައިވާ މަތިވެރި ދަރަޖަ ވަރަށް ޞަރީޙަކޮށް އެނގިގެންދާނެއެވެ. ޢިލްމަކީ ކިހާވަރެއްގެ އެއްޗެއްކަން އެނގިގެންދާނެއެވެ. މި އަޔާތުގައި އައިސްފައި ވަނީ ހަމަ އެކަނި ދީނީ ޢިލްމުގެ ވާހަކަ އެއް ނޫނެވެ. ދުނިޔެވީ ޢިލްމުވެރިންގެ ވާހަކަ ވެސްމެއެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ޢިލްމު އުނގެނޭ މީހުންނަށް، މާތްﷲ ދެއްވާނެ މަތިވެރި ދަރަޖަ އާއި ސަވާބު ބަޔާން ކުރައްވާފައި ވެއެވެ. ހަދީޘްފުޅު ކުރައްވާފައި ވަނީ މީހަކު ޢިލްމު އުނގެނުމަށްޓަކައި މަސައްކަތްކޮށް މަގެއް ހޯދައިފި ނަމަ އެމީހަކަށް މާތްﷲ ސުވަރުގެ އަށް މަގުދައްކަވާނެތެވެ. އަދި ޢަލީގެ ފާނު ކުމައިލަށް ނަޞޭޙަތް ދެއްވަމުން ވިދާޅުވެފައި ވަނީ، އޭ ކުމައިލުއެވެ. ޢިލްމަކީ މުދަލުށްވުރެ ހެޔޮކަން ބޮޑު އަދި އަގުބޮޑު އެއްޗެކެވެ. ތިބާ މުދާ ރައްކާ ކުރާފަދައިން ތިބާ ޢިލްމު ރައްކާތެރިކުރެއެވެ. މުދަލަކީ، އެ ޖަމާކުރާ ނަމަ ހުސްވެދާނެ ނުވަތަ މަދު ވަމުންދާނެ އެއްޗެކެވެ. ޢިލްމަކީ އެހެން މީހުންނަށް އަންގައިދޭ ނަމަ އިތުރުވާނޭ އެއްޗެކެވެ.

ފައިދާ ކުރަނިވި ޢިލްމެއް މީހަކަށް ލިބޭނީ އެމީހެއްގެ ކިބައިގައި ނުވަތަ އެމީހެއްގެ ގައިގައި ވަރަށް މާތް ސިފަތަކެއް ހުރެގެންނެވެ. އެ މާތް ސިފަ ނެތް މީހަކަށް ޢިލްމު ލިބިފައިވީ މީހެއް ކަމުގައި ވި ނަމަވެސް އެ ޢިލްމުން އެމީހަކަށް މަންފާ އެއް ނުކުރާނެއެވެ.

ކިޔަވާ ކުދިން ނުވަތަ ޢިލްމު އުނގެނޭ ކުދިން ވާން ޖެހޭނީ ވަރަށް އަޚުލާޤު ރަނގަޅު ވަރަށް ކިޔަމަންތެރި ކުދިބަޔަކަށެވެ. އަދި ޢިލްމު އުނގެނޭ ކުދިންނަކީ ކޮންމެ ވެސް ބަޔަކަށް ނަމޫނާއަކަށް ވާންޖެހޭ ބައެކެވެ. ކުރިން ބުނިފަދައިން ޢިލްމުގެ އަހުލުވެރިން ޖާހިލުންނާއި ނުވަތަ ނުކިޔަވާ ތިބޭ މީހުންނާއި އެއް ހަމަޔަކަށް ގޮސްގެން ނުވާނެއެވެ. ކިޔަވާ ކުދިންގެ ކިބައަގައި ހުންނަން ޖެހޭ އެންމެ މާތް ސިފަތަކުގެ ތެރޭގައި މައިންބަފައިންނާއި ސްކޫލުގެ އިސްވެރިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރުމާއި އެ ކުދިންނަށްވުރެ ބޮޑެތި މީހުންނަށް ޤަދަރާއި އިޙްތިރމް ކުރުން ހިމެނޭއެވެ. އެއީ ބަސް ޤަބޫލުކުރާ ރަނގަޅު ކުދިން ދެކެ ކޮންމެ މީހަކު ވެސް ލޯބިވާނެއެވެ. ބަސް ނާހާ ކުދިންދެކެ އެންމެން ވެސް ނަފްރަތުކުރާނެއެވެ.

ﷲ އަށް އީމާންވީ މީހުންނާއި ޢިލްމުވެރިންގެ ދަރަޖަ އެ ނޫން މީހުންނަށް ވުރެ އެތައް ދަރަޖަ އެއް މަތިވެރި ކުރެއްވި ކަމަށް އެހެން އާޔަތެއްގައި ﷲ ވަޙީކުރެއްވި އެވެ. އެ އާޔަތުގެ މާނައިގައި ވަނީ: "ތިޔަބައިމީހުންގެ ތެރެއިން އީމާން ވި މީހުންނާއި،ޢިލްމު ލިބިގެންވާ މީހުން މާތް ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ." (ސޫރަތުލްމުޖާދިލާ:11 ވަނަ އާޔަތް) ހަމަ އެ ފަދައިން ޢިލްމު ދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ﷲ ވަނީ އަނގަވައިފަ އެވެ. ޠާހާ ސޫރަތުގެ 114 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރެއްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ! "

އަބޫ ހުރައިރާ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނާގައި ވަނީ 'އިންސާނާ މަރުވުމަށް ފަހު ތިން ކަމަކުން ފިޔަވައި އޭނާގެ ޢަމަލު ހުއްޓުނީ އެވެ. އެ ތިން ކަމަކީ ދެމިގެންދާ ޞަދަޤާތާއި މީސްތަކުންނަށް ފައިދާ ކުރަނިވި ޢިލްމަކާއި އޭނާއަށްޓަކާ ހެޔޮދުޢާކުރަނިވި ޞާލިޙު ދަރިއެކެވެ.

މި ދަލީލުތަކަށް ބަލާއިރު ޢިލްމު އުނގެނުމުން އެ މީހެއްގެ ދަރަޖަ ﷲގެ ޙަޟްރަތުގައި އުފުލިގެން ދިޔުމުގެ އިތުރުން އިންސާނުންގެ މެދުގައި ވެސް ދަރަޖަ އުފުލެއެވެ. ނަމަވެސް ފާހަގަ ކުރަން ޖެހެނީ ދީނީ ޢިލްމު އުނގެނިގެން ތިބޭ މީހުންގެ ދަރަޖަ ދެ ދުނިޔޭގައި ވެސް އުފުލޭކަމާއި، ދަރަޖަ މަތިވެރިވާ ކަމެވެ. ދުނިޔެވީ ޢިލްމު އުނގެނިގެން ތިބޭ މުސްލިމުން ވެސް މީގެތެރޭގައި ހިމެނޭނެކަމެވެ. ޣައިރު މުސްލިމުންނަށް އޮތީ ހަމައެކަނި ދުނިޔެ އެވެ. ދުނިޔޭގައި ދަރަޖަ މަތިވެރިވެދާނެއެވެ. ނަމަވެސް އަޚިރަތުގައި ދަރަޖަ މަތިވެރި ނުވެއެވެ. ހަމަ އެފަދައިން ދީނީ ތަޢުލީމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލު ނުބެހެއްޓި، ނުވަތަ ޢަމަލު ނުކުރެވޭ ނަމަ އެ ޢިލްމަކުން، ދީނީ ޢިލްމު އުނގެނިގެން ތިބި މީހުންނަށް މަންފާ ނު ކުރާނެ އެވެ.