އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގެ އިތުރު މަސްދޯންޏަކަށް އެރި މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މި މަހުގެ އެއްވަނަ ވީ ހުކުރުވިލޭރޭ، މާހޯރަ-3 ނަމަކަށް ކިޔާ މަސްދޯނި ދަތުރު ކުރަމުން ދަނިކޮށް އިންޑިއާ ސިފައިން އެ ދޯންޏަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުންވެސް ބުރާސްފަތި ދުވަހުގެރޭ "މާހޯރަ-3" ނަމަކަށްކިޔާ ދޯންޏެއް ދަތުރު ކުރަމުން ދަނިކޮށް އިންޑިޔާ ސިފައިން އެ ދޯންޏަށް އަރައި މަސްވެރިންނަށް ބިރުދެއްކީ ކަމަށް ވަނީ ބުނެފައެވެ.

އިންޑިޔާގެ މަނަވަރެއްގައި އައި ސިފައިން އެ ދޯންޏަށް އެރީ މޮޅަދޫ ބޮޔާ އިން މޭލު ހިސާބުން އެރޭ ބާރަ ޖަހާކަންހާ އިރު ކަމަށްވެސް ޔޫނިއަނުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ދޯނީގެ ވެރި ފަރާތުން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެ ޔޫނިއަނުން ބުނެފައިވެއެވެ.

މީގެ ކުރިން އަސުރުމާ3 ނަމަކަށް ކިޔާ މަސްދޯންޏަށް އިންޑިއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން ވަނީ އަރާފައެވެ. އަދި އެ ދޯނީގައި ހަތިޔާރާއެކު ބޭރުގެ ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ވައިރަލްވެފައެވެ.

ކަންތައް މިގޮތަށް ދިމާވެފައިވާތީ، އިއްޔެ އިން ފެށިގެެން ރާއްޖޭގެ ކަނޑުގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ. ހަމައެހެންމެ އުތުރުން ރާއްޖޭގެ ބޯޑަރު ސަރަހައްދުގައި ސިފައިން ވަނީ ޕެޓްރޯލް ކުރަން ފަށާފައެވެ.