އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ނިމި ނަތީޖާ އިއުލާނުކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ވޯޓު ލުން ކުރިއަށް ދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާވެސް މިހާރު ވަނީ ލިބިފައެވެ.

މުޅިއެކު ޖުމުލަ ސާޅީސް ދާއިރާއެއްގެ ޕްރައިމަރީގައި އެކި ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއެވެ. މި ޕްރިމަރީގައި ވޯޓުލުމުގެ ހައްގު ލިބުނީ 25،325 މީހަކަށެވެ.

އެމްޑީޕީގެ ޓިކެޓު ކަށަވަރުވެފައިވަނީ ޕްރައިމަރީއަކާ ނުލައި 46 ބޭފުޅަކަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 20 މެންބަރަކަށް ވަނީ ކަށަވަރުވެފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން ހަމަވެފައި ވަނީ މިއަދު ޕްރައިމަރީ ކުރިއަށް ގެންދިޔަ ދާއިރާތަކާ އެކު 86 ދާއިރާއަށެވެ. ނަމަވެސް ބާކީ ދާއިރާތަކަށްވެސް ވާދަކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.