ނަވާރަ ސަތޭކަ އަށްޑިހައިގެ ފަހުކޮޅެވެ. މެދު ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ ނާއިމާ ތަޢުލީމު ޙާޞިލު ކުރުމަށް މާލެ އައިސް ހުރީ މާލޭގެ ޢިއްޒަތްތެރިއެއްގެ ގޭގައެވެ. އެ ގޭގެ ގޯތީގައި ނާއިމާ ފަދައިން ކިޔަވަން ތިބޭ ކުދިން އުޅެން ވަކިން ބައެއް ހަދާފައި ހުރެއެވެ.

މި ބައިގައި، ގޭގައި މަސައްކަތް ކުރަން އުޅޭ މީހުނާއި ރަށްރަށުން ދަތުރުވަރުގައި މާލެ އައިސްތިބޭ މިގޭ ބޭފުޅުންގެ ރައްޓެހިންވެސް ތިބެއެވެ. މިއީ މާލޭގެ ބޮޑު ގޯއްޗެއް ކަމުން އެއްދޮރުން ވަދެ ނުކުމެ އުޅެވޭ ގޮތަށް އިތުރު ގެއެއްވެސް މި ގޯތި ތެރޭގައި ހުރެއެވެ. މި ގެ ހުންނަނީ ކުއްޔަށް ދޫކޮށްފައެވެ.

މި ގޮތަށް ގޭގޭގައި ތިބޭ އެހެންކުދިންނެކޭ އެއްގޮތަށް ނާއިމާއަށް ބައެއް މަސައްކަތް ކޮށްލަން ޖެހެއެވެ. މިގޮތުން ފަރިއްކޮޅު ވަކި ކޮށްދިނުމަކީ (ކާންހެދުމަކީ) ނާއިމާ އަށް ޚާއްޞަވެފައިވާ މަސައްކަތެކެވެ. މީގެ އިތުރަށް ވެސް އެގޭ ބޭފުޅުންގެ ކުދިކުދި މަސައްކަތް ކޮށްލަން ޖެހެއެވެ.

އޭރު މިފަދަ ގެތަކުގައި ދިރިއުޅޭ ރަށްރަށު ކުދިންނަށް ގެއިން ބޭރަށް ދެވޭނީ ހަމަ އެކަނި ކިޔަވާށެވެ. ނޫނީ އާއިލާގެ މީހަކު ބަލިވެގެން އެމީހަކަށް ގޮވައިލާށެވެ. އެހެންނޫނީ ރަށުން ބައްޕަ ދުރުވެއްޖެނަމަ، ބައްޕައާއެކު ބޭރަށް ނުކުމެވިދާނެއެވެ.

މިގޮތަށް އުޅެންޖެހުމުން ނާއިމާގެ މާގިނަ ރައްޓެހިންނެއް ނުތިބެއެވެ. އެހެން ނަމަވެސް މި ގޭގައި ކުއްޔަށް ދޫކޮށްފައި ހުންނަ ބައިގައި ނާއިމާއާ އެއްފުރައިގެ އަންހެން ކުއްޖެއް ހުންނާތީ އޭނާ އާ ވަރަށް ގާތް ގުޅުމެއް އުފެދިއްޖެއެވެ. ކޮންމެހެން ދާންޖެހޭ ތަނަކަށް ދަނީ މި ރަޙުމަތްތެރިޔާއާ އެކުގައެވެ.

މި ގޭގައި ކައްކަން ވެސް ރަށަކުން އައިސް ހުރި ދިވެހި އަންހެނަކު އުޅެއެވެ. މި އީ އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ އަންހެނެކެވެ. އޭނާގެ ނަމަކީ ސަންފަ އެވެ. ސަންފަ ފެނާ ދުރުކަމުން އެގޭ ބޭފުޅުންވެސް އަދި ނާއިމާ ވެސް ވަރަށް ހިތްހަމަ ނުޖެހެއެވެ. އެހެން މީހުން ދުވާލަކު ދެތިންފަހަރު ފެންވަރާއިރު ސަންފަ ފެންވަރާ ކަމަށް ވަނީ ހަފުތާއަކު އެއް ފަހަރު އެވެ. ނަމަވެސް މި ދުވަހަކު ގަޑި ދެގަޑި އިރު އެހެން މީހުނަށް ގިފިލި ނުލިބި ދެއެވެ. ހަފުތާއަކަށް ވާވަރަށް އެއްދުވަހުން ޠާހިރު ވަނީ ތޯއްޗެކެވެ.

މިދުވަސް ވަރު ޚާއްޞަ މުނާސަބަތްތަކުގައި މާލޭގެ ބޮޑެތި މަގުތަކުގައި ބޭންޖެހުން ވަރަށް އާންމު ވެފައި ވެއެވެ. މި ގޮތަށް ބޭން ޖަހާއިރު މަގުތައް އޮންނާނީ ފުރި ބާރުވެފައެވެ. ބޭންބަލަށް ގޮސް ތިބޭ މީހުން ތިބޭނީ ފިތި ބާރުވެގެންނެވެ. ނާއިމާ އުޅޭގެ ވެސް ހުންނަނީ ބޭން ޕާޓީ ދާ ބޮޑު މަގެއްގައެވެ.

ދުވަހަކީ މާލޭގެ ބޮޑެތި މަގުތަކުގައި ސިފައިންނާއި ސުކޫލު ކުދިން ބޭން ޖަހަން ހަމަޖެހިފައިވާ މިނިވަން ދުވަހެވެ. ނާއިމާވެސް ބޭން ބަލަން ދާންވެގެން ގޭގެ ހުރިހާ ކަމެއް ނިންމާލައިފައި ވަރުގެ ކޮޅަށް ނަލަ ހެދިއްޖެއެވެ. ޢަޞުރު ނަމާދު ކޮށްލައިގެން ރަޙުމަތްތެރިޔާއާ އެކު ނުކުމެ ގޭގެ ދޮރާށި ހުޅުވާލިއިރު ކަމަކު ދާކަށް ނެތެވެ. ދޮރޯށިން ބޯދިއްކޮށްލެވޭނެ ޖާގަވެސް ނެތެވެ. ނަމަވެސް އޭރު އަދި ގަޑިން ހަތަރެއްވެސް ނުޖަހައެވެ. ބޭން ޖަހަން ނުކުންނާނީ ވެސް ހަތަރެއް ޖަހާއިރު އެވެ. އެ ގެ އާހަމައަށް ބޭން ޕާޓީއަށް އާދެވޭނީ ވެސް ފަސްގަޑި ބައި އެހައިކަންހާ އިރު އެވެ. ނާއިމާމެން ދެރަޙުމަތްތެރީން ވިސްނާލައިފައި ގޮތެއް ނިންމިއެވެ. އެމީހުން ދިރިއުޅޭ ބައިގެ ފުރާޅު މައްޗައް އެރުމަށެވެ. ކޮންމެ އަކަސް ދެ އެކުވެރިން ފުރާޅަށް އަރަން ހިނގައްޖެއެވެ. މި ފުރާޅަށް އެރެންހުރީ ނާއިމާ ދިރިއުޅޭ ބައިގެ ގިފިލި ފާރުންނެވެ. މި ފާރަކީ ކުރީޒަމާނުގައި މޫދުން ނަގާ ހިރިގާ ކުދިކޮށް ތަޅައިގެން އުވައިން ރާނާފައިވާ ފާރެކެވެ. އުވަނުޖަހާ ހުރި ފާރެއްކަމުން ގޮއްފަޔާ އަރާލާކަށް މާ އުނދގޫ ކަމަކަށް ނުވިއެވެ.

ބޭން ޕާޓީތައް ގޮސް ނިމެންދެން ނާއިމާމެން ތިބީ ފުރާޅު މަތީގައެވެ. ބޭން ބަލާ ނިމުމުން ނާއިމާމެން ދެ އެކުވެރިން ފުރާޅުން ފައިބާން ހިނގައިގަތްތަނާ ގިފިލި ތެރެއިން ސަންފަގެ ބޯ ފެނިއްޖެއެވެ. ދެ އެކުވެރިންނަށް ވެސް އެއްފަހަރާ ސުބުޙާނަﷲ އޭ ކިޔާލެވުނެވެ.

ސަންފަ ބޮލަށް ފެންދާނި އަޅާލި މަންޒަރު ފެނިފައި ދެ އެކުވެރިން ގަތް ބިރުން ސިއްރު ސިއްރުން އެނބުރި ތިބި ތަނަށް ގޮސް އިށީނދެއްޖެއެވެ. ދެން އިރުއިރު ކޮޅާ ސަންފަ ފެންވަރާ ނިމޭތޯ ބަލަބަލާ މި ދެ އެކުވެރިން ތިބެއްޖެއެވެ.

އަނެއްކޮޅުން ނާއިމާ ގެއްލިގެން އެގޭ ބޭފުޅުން ހޯއްދަވަން ފަށްޓަވައިފި އެވެ. ދުވަހަކުސް ނުބުނެ ބޭރަށް ނުދާ ކުއްޖަކު މިރޭ މަޣުރިބު ނަމާދު ވަގުތު ދިޔައިރު ވެސް ގެއަށް ނައިސްގެން މި ގޭބޭފުޅުން ވަރަށް ކަން ބޮޑުވެއްޖެއެވެ. ހަމަ މިއާއެކު ނާއިމާގެ ރަޙުމަތްތެރިޔާ ގެއްލިގެން އެގޭ މީހުން ވެސް ހޯދަމުން ދަނީއެވެ.

ނާއިމާ މެނަށް ފުރާޅުން ފައިބައިގެން ގެއަށް ވަދެވުނުއިރު އިޝާ ނަމާދު ވަޤުތުވެސް ވެއްޖެއެވެ. ވަރަށް ލަދުންހުރެ ނާއިމާ ފެންޑާއަށް ދިއުމުން އޭނާ ގެންގުޅުއްވާ އެގޭ ވެރި ފަރާތުން ސުވާލުކުރެއްވި އެވެ. ނާއިމާ ތިޔަ އައީ ކޮންތާކުން ހެއްޔެވެ؟ ވަރަށް ދެރަވެ އިސްޖަހާލައިގެންހުރެ ނާއިމާ ޖަވާބު ދިނެވެ. ފުރާޅު މަތިންނެވެ. އެބޭފުޅާ ވިދާޅުވިއެވެ. މިހާއިރު ވަންދެން ފުރާޅު މަތީ ކީއް ކުރީހެއްޔެވެ؟ ނާއިމާ ދެންނެވި އެވެ. ބޭން ބަލާ ނިމިގެން ފުރާޅުން ފައިބަން އައިއިރު ސަންފަ ހުރީ ގިފިލީގައި ފެންވަރާށެވެ.

މި ވާހަކަ ދެކެވެމުން ދިޔައިރު އަޑު އަހަން ހުންނެވި އެގޭ ޒުވާން ފިރިހެން ބޭފުޅަކު ހިނިފުޅު ވަޑުވަމުން ވިދާޅުވިއެވެ. އާނ! މިހާރު ތިޔަވީގޮތް އެނގިއްޖެއެވެ. ސަންފަ ފެންވަރާތަން ބެލީއެވެ. ނާއިމާ ފުރާޅަށް ތިޔައެރީ ސަންފަ ގިފިލީގައި ގިނައިރުވާތީ އޭނާ ކުރާކަމެއް ބަލަންތާއެވެ.