ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރު އެެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ، ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމް ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

ކުޅުދުއްފުށި ޕޮލިހާއި ރޯޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވާއިރު ޓެކްސީ ގަވާއިދަށް އަލިއަޅުވާލައި އޭގައިވާ މުހިންމު ކަންކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ވަކިވަކިން ކުރިއަށްގެންދިޔަ އެ ދެ ޕްރޮގްރާމްގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތާޒާކުރުމަށް މިމަހު 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 31 މީހުން ބައިވެރިވިއެވެ.

އަދި ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމަށް މި ދިޔަ މަހު 31 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ޓެކްސީގެ ހިދުމަތާ އަލަށް ގުޅޭ 21 މީހުން ބައިވެރިވިއެވެ.