ގދ ފަރެސްމާތޮޑާއަކީ ކެފޭ ރެސްޓޯރެންޓުތައް މަދު ރަށެކެވެ. މިހާރު ރަށުގައި ހުރި ކެފޭ އަކީވެސް މާގިނަދުވަސްވީތަނެއް ނޫނެވެ. އަމިއްލަ ރަށާއި ރަށުގެ ހުރިހާ ކަމެއް ދެކެ ހިތާއި ނަފްސުން ލޯބިވާ، ރަށުގެ ގަދަރާއި އިއްޒަތް މުހިންމުވާ މީހަކަށް މިފަދަ ކަންތައްތަކުގައި ވިސްނާލަން މަޖްބޫރުކުރުވައެވެ.

މި ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ފަރެސްމާތޮޑާގައި ހުޅުވުނު "ރަންވޭ29، ފަރެސްމާތޮޑާ އައުޓްލެޓް" އަކީ މިދެންނެނި ފަދަ ލޯތްބަކާއި ޖޯޝަކުން ވުޖޫދަށް އައި ތަނެކެވެ.

ފަރެސްމާތޮޑާއަށް އުފަން އެރަށުގެ ދަރިއަކު އިސްނަގައިގެން ކުރި މި މަސައްކަތަކީ އެރަށުގެ ތާރީހުގައި ލިޔެވިގެންދާނެ ފަދައިން އެރަށުގެ މުސްތަގްބަލުގައި ދެމިގެންދާނެ ފަހުރެއްވެސްމެއެވެ.

"ހަލި" ނޫޙަށް، މުހައްމަދު ޒަމާން ހިއްސާ ކޮށްލީ އޭނާގެ މަގްސަދާއި މި ތަނާމެދު ކުރާ އުއްމީދުތަކުގެ ވާހަކައެވެ. އުފަން ބިންދެކެ ލޯބިވާ ދިވެހިދަރިއަކާ ބައްދަލުވިޔައީ އުފާކުރަމެވެ.

ޒަމާން ކިޔައިދިނީ މި ރެސްޓޯރެންޓް ވުޖޫދަށް އަންނަން ދިމާވި ހާދިސާއެވެ. 2022 ވަނައަހަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ފަރެސްމާތޮޑާގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ކެއުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭރަކު ފަރެސްމާތޮޑާ ގައި ކެފޭ ރެސްޓޯރެންޓު ފަދަ އެއްވެސް ތަނެއް ނުހުރެއެވެ.

"ފަރެސްމާތޮޑާ ގައި ރަންވޭ29 އައުޓްލެޓެއް ހުޅުވަން ހިޔާލަށް އައީ 2022 ވަނަ އަހަރު މަސްވެރިންގެ ދުވަހުގެ ކެއުން، މި ހާއްސަ ކެއުމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެސް ބައިވެރިވެވަޑައިގެންނެވި. ރަންވޭ29 ލިބިގެން ފަރެސްމާތޮޑާއަށް ދިޔައިރު ފަރެސްމާތޮޑާގައި ކެފޭ ރެސްޓޯރެންޓް އެއް ނެތީމަ އަޅުގަނޑު އަމިއްލައަށް ގަބޫލު ކުރެވުނީ ފަރެސްމާތޮޑާގައި ކެފޭ ރެސްޓޯރެންޓް ފަދަ ތަނެއް ހުންނަން ޖެހެ ކަމަށް،" ޒަމާން ކިޔައިދިނީ އެދުވަހުގެ ހަނދާންތަކާއި އިހުސާސްތަކެވެ.

"ފަރެސްމާތޮޑާގެ އިއްޒަތާއި ޝަރަފަށްޓަކައިވެސް، އެގޮތުން ރަންވޭ29 އައުޓްލެޓެއް ފަރެސްމާތޮޑާގައި ހުޅުވަން ހިޔާލު އައީ،" ޒަމާންގެ އެ ހިޔާލަށް އަސްލު ކުލައައިސް މިއަދު މިވަނީ ނުހަނު ހިތްގައިމު ރެސްޓޯރެންޓެއް ހުޅުވިފައެވެ.

މި ރެސްޓޯރެންޓަކީ ކެއުން ބުއިމަށް ހާއްސަކޮށްގެން ހުޅުވި ތަނެކެވެ. މިވަގުތަށް މިތަން ހުޅުވިފަވއި ހުންނާނީ މެންދުރު ފަހު 3:00 އިން ރޭގަނޑު ބާރައަށް ކަމަށް ޒަމާން މައުލޫމާތު ދިނެވެ. ނަމަވެސް ހަމަވަރަށް ކައިރި މުސްތަަގުބަލެއްގަައި ހެނދުނު 6:00 އިން ރޭގަނޑު ބާރަ އަށް ހިދުމަތް ދެވޭފަދަ ތަނަކަށް މިތަން ވެގެންދާނެެ ކަމުގެ އުފާވެރި ހަބަރުވެސް ޒަމާން ވަނީ ދީފައެވެ.

މި އައުޓްލެޓްގެ މުސްތަގްބަލަށްޓަކައި ވިސްނާ އެތައް ގިނަ ކަންކަމުގެ ތެރޭގައި ފަރެސްމާތޮޑާގައި ބާއްވަވާ ކެއުމުގެ އިވެންޓް ތަކަށް ބޭރުން މީހުން ގެންނަން ނުޖެހޭވަރުކޮށް، އެކަން މި ފަސްގަނޑުން ކޮށްދިނުން ހިމެނޭ ކަމަށް ޒަމާން ވަނީ ބުނެފައެވެ.

"މީ ބޮޑު މަންފާ އަކަށްވުރެ ހިދުމަތެއްގެ ގޮތުގައިހުޅުވި ތަނެއް، އަދި މިފަދަ ނަސީބެއް މިންވަރުކޮށްދެއްވިޔަތީ ﷲތައާލާއަށް ފަށްފަށުން ޝުކުރުވެރިވަން،"

ކޮންމެއަކަސް އަމިއްލަ ރަށަށް ޒަމާންގެ ފަރާތުން މިދިން ހަދިޔާ ކިތަންމެހާވެސް ފުރިހަމައެވެ.