ބިންވެެރިޔާ ސްކީމުން ގޯތިލިބުނު އެންމެހާ ފަރާތްތަކަށް އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކި ކަންކަމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ، ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ކުރާ ސުވާލަށް ޖަވާބުލިބޭ ޕްރޮގްރާމަށް ހ. މެލްބާން، އިބްރާހީމް ސަމާހު، މާލޭގެ ރައްޔިތުންނަށް ގޯތި ޙަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ގިނަ ބައެއްގެ މަސްލަޙަތު ހިމެނޭ ގޯތީގެ ކަންކަން ކުރިއަށް ގޮސްފައިވާ ހިސާބަކީ ކޮބައިތޯ ސަމާހު ކުރި ސުވާލަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ތަންތަނުންވެސް ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ބިން ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"ޤާނޫނީ ގޮތުން ރަޖިސްޓްރީއެއް މިހެދެނީ ބިން ހިކުނީމަ. ނަމަވެސް ގޯތި ލިބުނުކަން ކަށަވަރުކުރުމަށްޓަކައި ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. އެހެންވީމަ ގުޅިފަޅުން ވިޔަސް، ގިިރާވަރު ފަޅުންވިޔަސް އަދި ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ގޯތި ލިބުނު މީހުންނަށްވެސް ލިޔުމާއި ގޯތި ދޫކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަދޭ." ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ގާނޫނީ ގޮތުން ރަޖިސްޓްރީއެއް ދޫކުރެވެނީ ބިން ހިއްކުމުންކަން ފާހަގަކުރައްވާ ރައީސް މުޢިއް ވިދާޅުވީ ގޯތި ލިބުނުކަން ކަށަވަރު ވާވަރުގެ ލިޔުމެއް ދޫކުރުމުގެ މަަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދޫކުރަން ވަނީ ނިންމާފައެވެ
ސަރުކާރުން ހާމަކުރައްވާފައިވަނީ ހިއްކަމުންދާ ސަރަޙައްދުތަކުގައި މީހުން އާބާދުކުރުވާނީ ރަނގަޅު ލޭންޑް ޔޫސް ޕްލޭންއަކާ އެކުގައި ކަމަށާއި، ބައެއް ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް ފައިނަލް ކުރުމުގެ މަރުހަލާގައި އޮތްކަމަށް ސަރުކާރުން ވިދާޅުވެއެވެ.