ސްރީލަންކާގެ 76 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައަށާއި، ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.‏

ރައީސް، އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ސްރީލަންކާގެ މި ހާއްސަ މުނާސަބަތާ ގުޅިގެން އެކަން ފާހަގަ ކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‌‌‏އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

އަދި ރައީސްގެ އެމެސެޖުގައި ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ގާތް ދެ ގައުމު ކަން ފާހަގަ ކުރައްވައި، ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ، އަދި ސަރަޙައްދީ ހަމަޖެހުމަށް އިސްކަންދޭ ގުޅުމެއްކަމުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައިވާ ރަހްމަތްތެރި ކަމުގެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.