ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އެދި ކޮންމެ ނަމާދެއްގައި ކިޔަން ފެށި ގުނޫތު ކިޔުން އިސްލާމިކް މިނިސްޓްރީން ވަގުތީގޮތުން ހުއްޓާލަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްރީން ވަނީ ސާކިއުލާއެއް ނެރެފައެވެ.

އެސާރކިއުލާގައި ވަނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތުލް ނާޒިލާ ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގާފައިވާ ކަމަށެވެ.

އަދި އެ މިނިސްޓްރީން ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތުލް ނާޒިލާ ކިޔަން ފެށީ، އިސްރާއީލްގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދިނުމުގެ ގޮތުން ދުއާ ކުރުމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްގެ މުޖާހިދުން ކުއްލިގޮތަކަށް ޣައްޒާގެ ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު، އިސްރާއީލިން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 27،000 ގިނަ މީހުން ޝަހީދުވެފައެވެ.