މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހދ. ނޮޅިވަރަމް ސްކޫލާއި ވައިކަރަދޫގައި ހުންނަ، ހދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތު ދީފިއެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ނޮޅިވަރަމް ޕޮލިސް ސްޓޭޝަނާއި ވައިކަރަދޫ ޕޮލިސް ޕޯސްޓު ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، އާއްމުކޮށް ދިމާވާ ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތަކުން ރައްކާތެރިވުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މަހުގެ 2 އަދި 3 ވަނަ ދުވަހު އެ ދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ނޮޅިވަރަމް ސްކޫލުގެ 30 ބެލެނިވެރިންނާއި ހދ. އަތޮޅު މަދަރުސާގެ 63 ބެލެނިވެރިން ބައިވެރިވިއެެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ އަތޮޅު ތަކުގެ ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރަށްރަށުގެ ރައްޔިތުންނާއި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމުތައް ހިންގަމުންނެވެ.